ސްޓޭޓް ފާމަސޫޓިކަލްގެ ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު 100 އެއްހާ ފާމަސިސްޓުން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހް ފާހަގަކުރެއްވީ ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް ސްޓޭޓްފާމާއަށް ބޭނުންވާ މުވައްޒަފުން މިހާރުވެސް ވަރަށް މަދުކަމަށެވެ.
ބޭނުންވާ މީހުންތަކުގެ ތެރެއިން ފާމަސިސްޓުންނަށް އެކަނި ބަލާލި ކަމުގައިވިޔަސް، މިހާރުވެސް ގާތްގަނޑަކަށް 100 ވަރަކަށް ފާމަސިސްޓުން އަޅުގަނޑުމެން މިހާރު މި ޚިދުމަތް ފުޅާކުރަން ބޭނުންވާ ވަރަށް، އެކަންތައްތައް ބައްޓަންކޮށްލުމަށްޓަކައި 100 ފާމަސިސްޓުން އިތުރަށް އެބަ ބޭނުންވޭ. އެކަންކުރުމަށްޓަކައި، ތަކުރާރުކޮށް އިއުލާން ކޮށްގެންވެސް ބައެއް ފަހަރު، މިދޭތެރެއިން ފާމަސިސްޓުން ނުލިބި މިދިޔައީ.
ޑރ. ޝާހް މާހިރު
އެހެންކަމުން ރާއްޖެއިން ބޭރުންވެސް ފާމަސިސްޓުން ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކާ ގުޅިގެން މަސައްކަތް ފެށުމަށް ރާވަމުންދާ ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަޤީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ." ޑރ. ޝާހް ވިދާޅުވިއެވެ.
ޑރ. ޝާހް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ފާމަސިސްޓުންނާއި ކްލިނިކަލް ފާމަސިސްޓުންގެ އިތުރުން ޑޮކްޓަރުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ. ފާމަސިސްޓުންނަށް ދޭ މުސާރަ މުރާޖަޢާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭސް ގުދަނުގެ މަސައްކަތް ހަލުވިކުރުމަށާއި ބޭހުގެ ކޮލިޓީ ކަށަވަރުކުރުމަށް ޙަރަކާތްތެރިވާނެ ޓެކްނިކަލް މުވައްޒަފުން ހޯދައި ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާ ސްޓޭޓް ފާމަސޫޓިކަލް އިން 193 ފާމަސީ މެދުވެރިކޮށް ބޭސް ފޯރުކޮށްދެމުން ޚިދުމަތް ދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists