އެމެރިކާގެ ނޭވީގެ ޕޮސައިޑަން މަރުކާގެ މަތިންދާބޯޓެއް ބައިނަލްއަޤްވާމީ ވައިގެ ސަރަހައްދުގެ ތެރެއިން ޓައިވާން ކަނޑުއޮޅި މަތިން ހުކުރު ދުވަހު ދަތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ސެވަންތު ފްލީޓުން ހާމަކޮށްފިއެވެ.
އެމެރިކާއިން ބުނި ގޮތުގައި މި ދަތުރަކީ އިންޑޯ-ޕެސިފިކް ސަރަހައްދަކީ މިނިވަން އަދި ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ދަތުރެކެވެ.
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ. އަދި އެ ވަގުތު މަސްރަހު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.
ޓައިވާނާއި ޗައިނާ ވަކިކޮށްދޭ މި ކަނޑުގެ ސަރަހައްދުގެ މަތިން ނުވަތަ ކަނޑުމަގުން އެމެރިކާގެ އަސްކަރީ ބޯޓުފަހަރާއި މަތިންދާބޯޓުތައް ދޭތެރެ ދޭތރެއިން ދަތުރުކުރެއެވެ. މިއީ ޗައިނާއިން އަބަދުވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރާ ކަމެކެވެ.
މި ދަތުރު މި ކުރެވުނީ، ޓައިވާނުގެ މައްސަލައާއި، ވިޔަފާރީގެ ދެބަސްވުންތަކާއި، ޓެކްނޮލޮޖީގެ ސަބަބުން ގޯސްވެފައިވާ ދެގައުމުގެ ގުޅުން ހަމައަކަށް އެޅުވުމަށްޓަކައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ މަހު އެމެރިކާއަށް ޒިޔާރަތްކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޓައިވާން ކަނޑުއޮޅުމުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުން، އެމެރިކާއިން އެ ކަށަވަރުކޮށްދެނީ ހުރިހާ ޤައުމުތަކަކަށްވެސް ލިބިގެންވާ ދަތުރުފަތުރުކުރުމުގެ މިނިވަންކަމާއި ޙައްޤުތައް،" ޕެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސެވަންތު ފްލީޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "އެމެރިކާގެ އަސްކަރިއްޔާއިން ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހުއްދަކުރާ ކޮންމެ ތަނެއްގައި ދަތުރުކޮށް، އުދުހި، ހަރަކާތްތެރިވާނެއެވެ."
ޗައިނާއިން ދައުވާކުރާ ގޮތުގައި ޓައިވާނަކީ އެ ޤައުމުގެ ސަރަހައްދެކެވެ. އަދި ޓައިވާން ކަނޑުއޮޅީގެ އިހްތިޞާސް އޮތީ ޗައިނާއަށް ކަމަށްވެސް ބުނެއެވެ. ނަމަވެސް ޓައިވާނާއި އެމެރިކާއިން ބުނަނީ އެއީ ބައިނަލްއަޤްވާމީ ކަނޑުގެ މަގެއް ކަމަށެވެ.
ބެއިޖިންގްއިން ތަކުރާރުކޮށް ބުނަމުންދަނީ ޓައިވާނުގެ މައްސަލައަކީ ޗައިނާގެ ދާޚިލީ ކަމެއް ކަމަށާއި، އެއީ ޗައިނާގެ އެންމެ މަތީ މަސްލަހަތު ހިމެނޭ "ރަތް ރޮނގެއް" ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists