ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓުގައި ކާރުން ޖެއްސުމުގެ ސަަބަބުން ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިއަދު ވަނީ އެ މީހާގެ ވަނަވަރު އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists