ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފި އެވެ.
ހުޅުމާލޭގައި ފަހުން އެޅި އަމާންއުދަރެސްގެ ޓަވަރެއްގެ ތިންވަނަ ފަންގިފިލާއިން މިއަދު ވެއްޓުނީ 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެންނަ މަންޒަރުތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.
އެކަން ނުކުރަން އިލްތިމާސްކޮށް ފުލުހުން ބުނީ މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
ފުލުހުން ވަނީ މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ. އަދި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ވެސް އެދިފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އަޅަމުން ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists