ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވުން ވެސް އެ ކުށުގައި އޮތްތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި ޖިންސީ ގޯނާގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. ހައްޔަރުކުރި ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހައިދީފައިވެއެވެ.
މި މައްސަލާގައި ބައެއް ފަރާތްތަކުން ކުއްޖާގެ މަންމައާ ދެކޮޅަށް ވެސް ތުހުމަތުތަކެއް ކުރަމުންދާތީ އެ ތުހުމަތުތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މަންމަގެ ބައިވެރިވުމެއް އޮތް ނަމަ އެ ބައިވެރިވުން އޮތީ ކިހާ ހިސާބަކަށްތޯ ތަޙުޤީޤުން ދެނެގަންނަމުން އަންނަ ކަމަށެވެ.
ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމިލީ އެންޑް ވެލްފެއާ ހިމެނޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ތަޙުޤީޤު ހިނގަމުންދާތީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists