ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ މަގުމަތީގެ ގަވާއިދުތަކަށް ނުބަލައި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ޕީއެސްއެމާ ވާހަކަދައްކަވަމުން ޓްރެފިކް ފުލުހުންގެ ވެރިޔާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފް ވިދާޅުވީ، ހުޅުމާލޭގެ މަގުތަކަކީ ތަނަވަސް އަދި ބޮޑެތި ފުޅާ މަގުތަކަކަށް ވާތީ، ގިނަ ފަރާތްތަކުން އުޅަނދުތައް ދުއްވަނީ ހުއްދަކުރެވިފައިވާ މިންވަރަށް ވުރެ މާ ބާރު ސްޕީޑުގައި ކަމަށެވެ. މީގެ އިތުރުން ގޯޅި އަޅާއިރު މަގަށް ޖާގަ ނުދިނުމާއި، ސިގްނަލް ނުދީ ކުއްލިއަކަށް ގޯޅި އެޅުން ފަދަ ކަންކަމަކީ އެކްސިޑެންޓްތައް ގިނަވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ލޭން ބަދަލުކުރަންޖެހޭ ހާލަތްތަކުގައި ގަވާއިދާ އެއްގޮތަށް ލޭން ބަދަލުނުކޮށް ގޯޅި އެޅުމާއި، އަދި ބަލައިލުމެއް ނެތި ކުއްލިއަކަށް ލޭން ބަދަލުކުރުމުގެ ސަބަބުން ވެސް ގިނަ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ކުދި ގޯޅިތަކުން ބޮޑެތި މަގުތަކަށް ނުކުންނައިރު، މަގުމަތީގެ ހާލަތަށް އެއްވެސް ވަރަކަށް ބަލައިނުލައި ބާރު ސްޕީޑުގައި ނުކުތުމަކީ ވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގަން ދިމާވާ ވަރަށް ބޮޑު ސަބަބުކަން ހަނީފްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.
އޭނާ މަގުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ މަގު ބޭނުންކުރާ ހުރިހާ ރައްޔިތުން ވެސް މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އެހެންކަމުން، ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރެއްވިއެވެ.
މިދުވަސްވަރަކީ ހުޅުމާލޭގައި އާދަޔާ ހިލާފަށް އެކްސިޑެންޓްތައް ހިނގަމުން އަންނަ ދުވަސްވަރެކެވެ. މިގޮތުން މިހާތަނަށް ހިނގި ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލި، ބައެއް މީހުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައި އެބަހުއްޓެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists