ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފެނިގެން ހިނގައިދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާ ފަދަ ލަދުވެތި އަދި ހިތާމަވެރި މަންޒަރެއް އިއްޔެ މިވަނީ ފެނިގެން ގޮސްފައެވެ. ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި ބިސްބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި، ބިސްބުރު ޓީމުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ލައިގެން ކުޅެން ނިކުތް މައްސަލައަކީ މިހާރު ދިވެހި ކުޅިވަރުގެ މައިދާނުގައި އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައެވެ. އިދިކޮޅު ޓީމާއި ޖާޒީގެ ކުލަ އެއްގޮތްވުމުން ދިމާވި މައްސަލައަށް ހައްލެއް ހޯދުމަށް ޤައުމީ ޓީމުގެ ޖާޒީ ބޭނުންކުރުމަކީ ފުޓްބޯޅަ އާއިލާގެ ގިނަ ބައެއްގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ފަރާތްތަކަކުން ވެސް ބޮޑު ކަންބޮޑުވުމަކާއި ނުރުހުމެއް އަމާޒުކުރި ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ މިކަމުގެ ސީރިއަސްކަމާ ގުޅޭގޮތުން ވަރަށް ފުންކޮށް ވާހަކަދައްކާފައެވެ. ނިޒާމްބެ ފާހަގަކުރި ގޮތުގައި މިއީ ދިވެހިން އެ ޖާޒީއަކަށްޓަކައި ފަޚުރުވެރިވާ، އަދި އެންމެ ބޮޑު ޤަދަރަކާއި އިހްތިރާމެއް ކުރާ ޤައުމީ ޓީމުގެ ޖާޒީއަށް ވެވުނު ވަރަށް ބޮޑު ބޭއިހްތިރާމެކެވެ. ޤައުމީ ޖާޒީއަކީ ވަކި ކްލަބެއްގެ އަމިއްލަ މަންފާއަށް، ކުލަ އެއްގޮތްވެގެން އަޅައިލަން އޮންނަ އެއްޗެއް ނޫންކަން ދޭހަކޮށްދެމުން އޭނާ ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ބިސްބުރާއި އީގަލްސް އިއްޔެ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ދިވެހި ޕްރިމިއާ ލީގަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތެވެ. އެފަދަ ޕްރޮފެޝަނަލް މުބާރާތެއްގެ މެޗެއްގައި މިފަދަ ދެކޮޅުނުޖެހޭ އަދި އޮޅުންބޮޅުން ބޮޑު ގޮތަކަށް ކަންކަން ހިނގައިދިއުމަކީ، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ އަހުލާޤާއި އިންތިޒާމުތައް ވެއްޓިފައިވާ ދަށު ދަރަޖަ ސާފުކޮށް ހާމަކޮށްދޭ ކަމެކެވެ. މިއީ ޕްރޮފެޝަނަލް ކުޅިވަރުގެ އުސޫލުތަކާ މުޅިން ޚިލާފު، ގޮތެއްފޮތެއް ނެތް އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، މެޗު ފެށުމުގެ އެތައް އިރެއް ކުރިން މެޗުގައި ދެ ޓީމުން ބޭނުންކުރާނެ ޖާޒީތައް ކަނޑައެޅި އެނގެން އޮންނާނެއެވެ. އަދި ކުލަ އެއްގޮތްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ޤައުމީ ޖާޒީ ނެގުމުގެ ބަދަލުގައި ބިބް ފަދަ އެހެން ވަސީލަތެއް ބޭނުންކުރެވުނީހެވެ.
"ދެން މިއީ ދުރު ރަށެއްގެވެސް ކްލަބެއް ނޫން. އެހެންވީމައި ޤައުމީ ޓީމު ޖާޒީ ނުލައި އެހެން ގޮތެއްވެސް ހޯދޭނެ. ޤައުމީ ޓީމުގެ ޖާޒީ ލައިގެން ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އެ ކުޅުންތެރިޔާ ބުންޏެވެ.
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މިފަދަ ކަންކަމުން ދައްކުވައިދެނީ ކުޅިވަރު ހިންގުމުގައި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް ނެތް މިންވަރެވެ. ކުރިމަގުގައި މިފަދަ ލަދުވެތި ކަންކަން ތަކުރާރު ނުވާނޭހެން، ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ދިވެހި ފުޓްބޯޅައިގެ އަގު ހިފެހެއްޓުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists