ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުން ގެއްލިފައިވާ އަފްޣާނިސްތާނުގެ ނޫސްވެރިޔާއާއި އާޓިސްޓް ހޯދައި، އެ މީހުންނަށް ވީގޮތެއް ހާމަކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
ގެއްލިގެން އުޅެނީ އަފްޣާނިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ސައްޔިދު ގާސިމް ހާޝިމީ އާއި ފަންނާނެއް ކަމަށްވާ ހާމިދު އިހްސާސްއެވެ. މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުންނެވެ.
އެމްނެސްޓީން ބުނާ ގޮތުގައި، މި ދެ މީހުން ގެއްލިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭ އިސްލާމްއާބާދުގެ އެފް-7 ސަރަހައްދުން އެކީގައި ނުކުތް ފަހުންނެވެ. އެއަށްފަހު އެ މީހުންގެ ފޯނުތައް ނިވިފައިވާއިރު، އެ މީހުން ދުއްވި އުޅަނދު ފެނިފައިވަނީ އިސްލާމްއާބާދުގެ އެހެން ސަރަހައްދުންނެވެ.
މި ދެ މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި، އެ މީހުންނަށް ނުގުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު، ފުލުހުން ވަނީ މައްސަލަ ރަސްމީކޮށް ބަލައިގަތުމަށް އިންކާރުކޮށްފައެވެ.
އެމްނެސްޓީން ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ، މި ދެ މީހުންނަކީ ދައުލަތުގެ އިދާރާއަކުން ގަދަކަމުން ފޮރުވާފައިވާ ނުވަތަ ޣައިރުގާނޫނީ ގޮތެއްގައި ބަންދުކޮށްފައިވާ ދެ މީހުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މީހުން އަނބުރާ އަފްޣާނިސްތާނަށް ފޮނުވާލަފާނެކަމުގެ ބިރު އޮތްއިރު، އެއީ އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށްވެސް އެމްނެސްޓީން ފާހަގަކުރެއެވެ.
އެހެންކަމުން، ސައްޔިދު ގާސިމް ހާޝިމީ އާއި ހާމިދު އިހްސާސްއަށް ވީގޮތް ވަގުތުން ހާމަކުރުމަށާއި، މި މައްސަލަ މިނިވަންކަމާއެކު ތަހުގީގުކުރުމަށް އެމްނެސްޓީން ވަނީ ޕާކިސްތާނުގެ އިސްލާމްއާބާދު ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލްއަށް ގޮވާލާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނަކާ ހިލާފު ކުށެއްގެ ތުހުމަތު ނެތްނަމަ، އެ ދެ މީހުން ވަގުތުން މިނިވަންކުރުމަށްވެސް ވަނީ އެދިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists