ޔަމަނުގެ އަންޞާރުﷲ ޙޫޘީ ޖަމާޢަތުގެ ހަތިޔާރު އެޅި ފައުޖުތަކުން ސައުދީ ޢަރަބިއްޔާގެ ޚަމީސް މުޝައިތުގައި އޮންނަ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުގެ އެތައް ޑަޒަނެއް ބޭނުންކޮށް ބޮޑު ހަމަލާއެއް ދީފިއެވެ.
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ. ހަމަލާ ސީދާ އަމާޒަށް ގޮސް މަރުކަޒުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސަރީޢު ބުންޏެވެ.
ސަރީޢު ބުނީ މި ހަމަލާ ދީފައި ވަނީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ޔަމަނުގެ ގަވަރުނަރޭޓުތަކަށް ސައުދީން ދިން 300 އަށް ވުރެ ގިނަ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ސައުދީގެ އެ ހަމަލާތައް ދީފައި ވަނީ ޚަމީސް މުޝައިތާއި ޠާއިފް ބޭސްތަކުން އެފް 15 އަދި ޓައިފޫން މަރުކާގެ ޖެޓުތައް ބޭނުންކޮށްގެންނެވެ.
"ޢުދުވާން ކުރިއަށް ގެންދާ ހާ ހިނދަކު ސައުދީ ފަސްގަނޑު ތެރެއަށް ހަމަލާތައް ފޮނުވުން ހުއްޓައެއް ނުލާނެ. އައު ޢުދުވާނެއް ދީފި ނަމަ އެއަށްވުރެ ފުޅާ އަދި ވަރުގަދަ ރައްދު ޙަރަކާތެއް ފެންނާނެ" ސަރީޢު ބުންޏެވެ.
ސައުދީ ކޯލިޝަނުން ތާއީދުކުރާ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި ޙޫޘީންގެ ބާރު ހިނގާ ސަރަޙައްދުތައް ވަށައިގެން އަޅާފައިވާ ދަތިކުރުންތައް އުވައިލަންދެން އަސްކަރީ ޙަރަކާތްތައް ހުއްޓައިނުލާނެ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists