ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ 55 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ޓެކްސް ރެޒިޑެންޓުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކަށް ދޫކުރާ ފައިދާއިން %10 ގެ ރޭޓުގައި ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އުނިކުރުން ލާޒިމުވެއެވެ.
ހަމައެއާއެކު އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން ފައިދާ ދޫކުރާ ވަގުތު ހިއްސާދާރަކީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ޙާލަތުގައި ވެސް ޓެކްސް އުނިކުރުން ކުންފުންޏަށް ޤާނޫނީ ގޮތުން މަޖުބޫރުވެއެވެ.
މި މަޢުލޫމާތު އަޕްޑޭޓުކުރުމަށް ބޭނުންވާ ހިއްސާދާރުންނަށް ދެ ގޮތެއް ދިރާގުން ހުޅުވައިލާފައިވެއެވެ. ފުރަތަމަ ގޮތަކީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމެވެ. ދެވަނަ ގޮތަކީ ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރުމެވެ.
ޓެކްސް ރެޒިޑެންސީ މަޢުލޫމާތު ރަނގަޅަށް ބެލެހެއްޓިފައި ހުރުމަކީ ޤާނޫނާ އެއްގޮތަށް ޑިވިޑެންޑް ލިބުމުގައި ހިއްސާދާރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މުހިންމު ކަމެއް ކަމަށް ދިރާގުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists