ކޮޓަރިއެއް ތެރެއަށް ވަންނައިރު ހިތަށް ހަމަޖެހުން ލިބުމާއި މަސައްކަތަށް ޖޯޝެއް ލިބުމާ ދެމެދުގައި ތަފާތު އޮތީ ގިނަ ފަހަރަށް ލައިޓުގެ ކުލައިގައެވެ. ގެއެއް ޒީނަތްތެރިކުރާއިރު ފަރުނީޗަރާއި ކުލަ ޚިޔާރުކުރުމަށްވުރެ ރަނގަޅު އައްޔެއް ހޮވުމަކީ މާ ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ލައިޓުގެ ކުލަ ބަދަލުވުމުން ކޮޓަރީގެ މޫޑު އެއްކޮށް ބަދަލުވެއެވެ.
އެހެންކަމުން ގެއަށް ލައިޓް ޚިޔާރު ކުރާނެ ގޮތަށް މި ލިޔުމުގައި ބަލާލާނަމެވެ.
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
ރީނދޫ ލައިޓާއި ހުދު ލައިޓާ ދެމެދުގައި އެންމެ ބޮޑު ތަފާތެއް ފެންނާނީ ނިދުމާއި ޞިއްޙަތަށް ކުރާ އަސަރުންނެވެ. ރީނދޫ ލައިޓުން ހަށިގަނޑުގައި މެލެޓޯނިން އުފެއްދުން އިތުރުކޮށްދޭތީ ނިދި އައިސް ހަމަޖެހޭ އިޙުސާސެއް ކުރެވެއެވެ. ހުދު ލައިޓުގައި ހިމެނޭ އައްޔާ ހެދި މެލެޓޯނިން 23 އިންސައްތައަށް ދަށްކޮށްލައި ނިދި ގެއްލުވައިލައެވެ. ރޭގަނޑު ގޭތެރޭގައި ބޭނުންކުރާ ލައިޓުން ބްލޫ ލައިޓް ބޭރުވާ ނަމަ ހަށިގަނޑުގައި ޤުދުރަތީ ގޮތުން މެލެޓޯނިން އުފެއްދުމަށް ހުރަސް އެޅި ނިދީގެ ފެންވަރު ދައްވެއެވެ. ރީނދޫ ލައިޓުން ލޮލުގެ ވަރުބަލިކަން 20 އިންސައްތައަށް ކުޑަކޮށްދެއެވެ. އެހެންކަމުން ރޭގަނޑު ގިނައިރު ހުދު ލައިޓް ދަށުގައި ތިބެފައި ނިދަން ދިޔައިމާ ރަނގަޅަށް ނުނިދޭ ސަބަބަކީ މިއީއެވެ.
ކޮންމެ ކޮޓަރިއަކަށް އެންމެ ރަނގަޅު ލައިޓް ތަފާތެވެ. ނިދާ ކޮޓަރިއަށް ރީނދޫ ލައިޓް އެންމެ ރަނގަޅީ ނިދުމުގެ ކުރިން ހަށިގަނޑު ހަމައަކަށް އެޅެން ފަސޭހަވާތީއެވެ. އޮފީސް ނުވަތަ ދަރިވަރުން ކިޔަވާ ކޮޓަރިއަށް ހުދު ލައިޓް ރަނގަޅީ ސަމާލުކަން ދެމެހެއްޓައި ފޯކަސް ކުރެވޭތީއެވެ. ބަދިގެއަށް ގިނަ ބަޔަކު ހުދު ލައިޓް ޚިޔާރު ކުރަނީ ކެއްކުމާއި ތަކެތި ކޮށާއިރު ސާފުކޮށް ފެންނަން ޖެހޭތީ ބަދިގެ ސާފުކޮށް ޒަމާނީކޮށް ފެންނާތީއެވެ. ފާޚާނާގައި ހޫނު ފެނުން ފެންވެރުމާއި ހަމަޖެހިލައިގެން ތިބެން ބޭނުންވާ ނަމަ ރީނދޫ ލައިޓް ރަނގަޅެވެ. ސިޓިން ރޫމަށް ރީނދޫ ލައިޓެއް ބެހެއްޓުމުން ގެ ހިތްގައިމު ތަނަކަށް ވެގެންދެއެވެ.
ދިވެހިންގެ ގެތަކުގައި އެންމެ ޢާންމުކޮށް ފެންނަނީ ހުދު ލައިޓެވެ. ގިނައިން ހުދު ލައިޓް ބޭނުންކުރެވެނީ ރާއްޖޭގެ ހޫނު މާޙައުލުގައި ސާފު ފިނި އިޙުސާސެއް ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ނިދާ ކޮޓަރީގައި ހުދު ލައިޓް ބެހެއްޓުމަކީ ނިދީގެ ފެންވަރަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. ދެ ބާވަތުގެ ލައިޓް އެއް ތަނެއްގައި ބޭނުންކުރާ ހިތްވާ ނަމަ ޒަމާނީ ސްމާޓް ލެޑް ބޮކިތައް ބޭނުންކޮށްގެން ވަގުތާ ގުޅޭ ގޮތަށް ކެލްވިން ބަދަލުކުރެވެއެވެ. ދުވާލު ހުދު ލައިޓް ރޭގަނޑު ރީނދޫ ލައިޓް މިގޮތަށް ސެޓުކޮށްލެވޭ ބޮކި ބާޒާރުން ލިބެއެވެ.
އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ދެ ބާވަތުންވެސް ބޭނުން ހިފުމެވެ. ރީނދޫ ލައިޓުން ހަމަޖެހުމާއި ހިތްހަމަޖެހުން ލިބޭއިރު ހުދު ލައިޓުން ސިކުނޑި ތައްޔާރަށް ބެހެއްޓައި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދެއެވެ. އެހެންކަމުން ބޭނުމާ ގުޅޭ ގޮތަށް ލައިޓް ހޮވުން މުހިންމެވެ. ގެ ތައްޔާރުކުރާއިރު ކޮންމެ ކޮޓަރިއެއްގެ ބޭނުމާ މެދު ވިސްނައިލައި ލައިޓް ޚިޔާރުކުރާށެވެ. ނިދާ ކޮޓަރީގައި ރީނދޫ، ކިޔަވާ ކޮޓަރީގައި ހުދު، ބަދިގޭގައި ހުދު، ސިޓިން ރޫމުގައި ރީނދޫ ނުވަތަ ޑިމާ ލައިޓެއް ބެހެއްޓުމުން ގެ ހިތްގައިމު ތަނަކަށް ވެގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists