މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް ކަމަށާ އެކަމަށް މިހާރު ނިމުން ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ހުށައެޅުއްވި ޕްރެޒެންޓޭޝަނެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މައިގަނޑު ދެ ދާއިރާއަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއީ ރާއްޖެއަށް އެތަކެތި އެތެރެކޮށް ވިއްކާ ވިއްކުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމައުއަށް ގެނައުމެވެ.
އެންމެ މުހިންމު ކަމަކީ ރާއްޖެއަށް އެތަކެތި އެތެރެކޮށް ވިއްކާ ވިއްކުން ހުއްޓުވުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް އޮތް ފުރަތަމަ ގޮންޖެހުމަކަށްވީ ކަމާގުޅޭ ގާނޫނުގައި ބޮޑެތި ފުށުއެރުންތައް ހުރުން ކަމަށެވެ. އަދި އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
ހާއްސަކޮށް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑުތައް ކުރީން އޮތީ ވަރަށް އުނދަގޫކޮށް ކަމަށާ ގާނޫނަށް މިހާރު ބަދަލުކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދެވޭނެ ގޮތް ހަދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists