ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އިތުރުން، ސަގާފީ ގޮތުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އައުކުރައްވަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists