މަންތާ އެއާ މުރައިދޫ ވެތަރަންސް ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށް ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް ބާރަށް ދަތުރުކުރީ ވާދަވެރި ވަށަފަރާ ދެކޮޅަށް ކުޅުނުމެޗް ސީދާ ތިންސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ސެޓްތައް ބާރަށުން ގެންގޮސްފައިވަނީ ފުރަތަމަ ސެޓް 25-21، ދެވަނަ ސެޓް 25-17 އަދި ތިންވަނަ ސެޓްވެސަް ހަމަ އެ ނަތީޖާއިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބާރަށު ޓީމުގެ ސާޖިދު ރަޝީދެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާޖިދު
މަންތާ އެއާ މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތުގައި މިފަހަރުގެ ޖުމްލަ 10 ރަށަކުން ވާދަކުރިއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.
މުރައިދޫ ނިޔާ އެކަޑަމީގެ ފަރާތުން ކުރިއަށްގެންދާ މި މުބާރާތަކީ އިންތިޒާމުކޮށް ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި 35 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ
މިފަހަރުގެ މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists