މިއަހަރުގެ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއަދު ފެށި މި އިމްތިޙާނުތައް ފަށާފައިވަނީ އެސްއެސްސީ ދިވެހި މާއްދާގެ ޕޭޕަރުންނެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ބައިވެރިވުމަށް 8،111 ދަރިވަރުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އެސްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި އިމްތިޙާނުތައް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމްތިޙާނު ހެދުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިޙާނު ހަދަމުންދާއިރު، އަތޮޅުތަކުގެ 242 ސެންޓަރެއްގައި 2،869 ދަރިވަރުން އިމްތިޙާނު ހަދަމުންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ސަރުކާރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެނެސްފައިވާ ބަދަލާއެކު، އޯލެވެލް ހަދާ ހުރިހާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވާން ޖެހެއެވެ. މި ހަތަރު މާއްދާގެ އިމްތިޙާނު ފީ ދައްކައިދެނީ ސަރުކާރުގެ ޚަރަދުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists