ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރާސް ޗެމްޕިއަންޝިޕް – ލާމު އެޑިޝަން" ރޭސިންގ މުބާރާތުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި އަނިޔާވި ޒުވާނާ މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
އެ ސައިކަލު ދުއްވަން އިން 20 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ މިހާރު ގެންދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ލ. ގަމުގައި މިއަދު ކުރިއަށްދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓިފައިވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 09:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާވެފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާ އެމީހާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައިވާ ކަމަށެވެ.
މިހާރު އެމީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
ހާދިސާ ހިނގުމާ ގުޅިގެން އެ ސަރަހައްދަށް އެމްބިއުލާންސް ފޮނުވުމަށް މަސައްކަތް ކުރި ނަމަވެސް މަގުމަތީގައި މީހުން ގިނަވެ މަގު ފުރިފައި އޮތުމުގެ ސަބަބުން އެމްބިއުލާންސަށް ވެސް އެތަނަށް ދެވުނީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލުމަށް ފަހުގައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists