ވޯލްޑް ކްލީންއަޕް ޑޭ 2026 ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި 120 އަށްވުރެ ގިނަ ބައިވެރިން ނުކުމެ 282.67 ކިލޯގެ ކުނި އެއްކޮށްފިއެވެ.
"ސާފުމާދަމާއެއް" ގެ ނަމުގައި ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި ތިމާވެށީގެ ޖަމާޢަތްތަކުގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އާދަ ފެތުރުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ.
ސާފުކުރުމުގެ ތެރެއިން ނެގި ކުނިތައް ބާވަތް ވަކިކޮށް ކިރައި ރެކޯޑުކޮށްފައިވެއެވެ. އެގޮތުން 158.72 ކިލޯގެ ޢާންމު ކުންޏާއި 92.17 ކިލޯގެ ރީސައިކަލް ކުރެވޭ ޕްލާސްޓިކާއި 31.78 ކިލޯގެ އެލްމިނިއަމް ހިމެނެއެވެ. މީގެ އިތުރުން އެ ސަރަޙައްދުން ޕްލާސްޓިކް ދެނެގަތުމަށް ހިންގި އޮޑިޓުގައި ޖުމްލަ 3,522 ޕްލާސްޓިކް އައިޓަމް ރެކޯޑުކޮށްފައިވެއެވެ.
ދުނިޔޭގެ ފެންވަރުގައި ކުނި މަދުކުރުމަށް މަސައްކަތްކުރާ ލެޓްސް ޑޫ އިޓް ވޯލްޑް އިން އިންތިޒާމުކުރި މި ހަރަކާތް ރޭވުމުގައި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނާއި އެމްއެންޔޫ އެސްޔޫގެ ގޮފި "އަބިސް" އާއި ބާނަކަލްސް އާއި ގްރީންރާއްޖެ އަދި ރިޕަލް ގުޅިގެން ހަރަކާތްތެރިވެފައިވެއެވެ. ބަންޔަންޓްރީ އާއި ދަވާ އިހުރު އާއި ޕާލޭ މޯލްޑިވްސް އާއި ސްކައުޓް އެސޯސިއޭޝަން އަދި ލެޓްސް ޑޫ އިޓް މޯލްޑިވްސް އިން ވެސް މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ވޯލްޑް ކްލީންއަޕް ޑޭ އަކީ 2008 ވަނަ އަހަރު އެސްޓޯނިއާއިން ފެށިގެން 190 އަށްވުރެ ގިނަ ޤައުމުގައި މިލިއަނުން މީހުން ބައިވެރިވެގެން ކުނީގެ މައްސަލައަށް ޙައްލު ހޯދުމަށް ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު އެއް ސާފުކުރުމުގެ ހަރަކާތެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists