ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
ޤުދުރަތުގައި ކުލަތައް ގިނަ ނަމަވެސް ވިޔަފާރީގެ ދުނިޔޭގައި ކުލައިގެ ތަފާތުކަން ދަނީ މަދުވަމުންނެވެ. 1980 ވަނަ އަހަރު ތެރޭގައި ބޮޑެތި ކުންފުނިތަކުން ވީހާވެސް ގިނަ ބަޔަކަށް ކަމުދާނެ ނިއުޓްރަލް ކުލަތައް ބޭނުންކުރަން ފެށީއެވެ. ކުންފުނިތަކުން މި ނިންމުން ނިންމީ ނިއުޓްރަލް ކުލަތައް އުފެއްދުމުގެ ހަރަދު ކުޑަވުމުގެ ސަބަބުންނެވެ.
ކާރުތައް އުފައްދާ އިންޑަސްޓްރީ ބަލައިލީމާ މި ބަދަލު އެންމެ ބޮޑަށް ފެންނާނެއެވެ. އައިސީކާޒް ކުރި ދިރާސާއެއް ދައްކާ ގޮތުން 2023 ވަނަ އަހަރުގައި ވިކުނު ކާރުތަކުގެ 80 އިންސައްތައަކީ ހުދު ކަޅު އަޅި އަދި ސިލްވާ ކުލައިގެ ކާރުތަކެވެ. 2004 ވަނަ އަހަރުގައި މި ޢަދަދު ހުރީ 60.3 އިންސައްތައިގައެވެ. އައިސީކާޒްގެ އެގްޒެކެޓިވް އެނަލިސްޓް ކާލް ބްރައުއާ ބުނީ ކުލަގަދަ ކާރުތައް މިހާރު ވެފައި ވަނީ ނެތެމުންދާ ބާވަތެއް ފަދަ އެއްޗަކަށް ކަމަށެވެ. ރީނދޫ ދަނބު މުށި އަދި އަލި ގަދަ ކުލައިގެ ކާރުތައް 2004 ވަނަ އަހަރުން ފެށިގެން ބާޒާރުގެ 80 އިންސައްތަ ޙިއްޞާ ގެއްލުވައިލައިފައިވެއެވެ.
މި ބަދަލު އައީ ހަމައެކަނި ކާރުތަކައް ނޫނެވެ. މި ބަދަލު ފެންނަނީ ގެދޮރުގެ ޑިޒައިނާއި ފެޝަނާއި މޭކަޕާއި ފިހާރަތަކާއި ފިލްމުތައް ފަދަ އެތައް ދާއިރާއަކުންނެވެ. އޭއައިން ބެލި ބެލުމެއްގައި މިއަދު ލިބެން ހުރި ތަކެތީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ހުދު އަޅި ނުވަތަ ކަޅު ކުލައިން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ޢިމާރާތްތަކާއި ގެދޮރުގެ ފެންވަރު "މޮޑާރން" ކުރުމޭ ކިޔައިގެން ގެދޮރުގެ ބޭރާއި އެތެރެ ވެސް އެއް ކުލައެއްގެ ފަނޑު ޓޯނުތަކަށް ބަދަލުކޮށްފައިވެއެވެ.
ފޮޓޯ / ދަ ޓްރެއިލް ބްލޭޒާ
ކުލަ ގެއްލެމުން ދަނީ ހަމައެކަނި އިންސާނުން އުފައްދާ ތަކެތިން އެކަންޏެއް ނޫނެވެ. ޤުދުރަތީ ދުނިޔޭގައިވެސް މި ބަދަލު ދަނީ ހިނގަމުންނެވެ. ކަނޑުގެ ހޫނުމިން މައްޗަށް ދާ ދުވަސްވަރު ފަރުތަކުގެ ރީތި ފިޔާތޮށި ފެހި ނޫ ކުލަތައް ގެއްލި ހުދު ކުލައަށް ބަދަލުވެއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ މާރިޗު 30 ވަނަ ދުވަހާ ދެމެދު ދުނިޔޭގެ ފަރުތަކުގެ 84 އިންސައްތައަށް ކުލަ ގެއްލޭ މިންވަރުގެ ހޫނު ކެރިކުޅައިފައިވެއެވެ. ފުރަތަމަ ބައިނަލްއަޤުވާމީ ފަރު ހުދުވުމުގެ ހާދިސާގައި 1998 ވަނަ އަހަރުގައި ފަރުތަކުގެ 21 އިންސައްތައަށް އަސަރުކުރިއެވެ. ދެވަނަ ހާދިސާގައި 2010 އަހަރުގައި 37 އިންސައްތައަށް އަސުރުކުރިއެވެ. އަދި ތިންވަނަ ހާދިސާގައި (2014-2017) 68 އިންސައްތައަށް އަސަރުކުރިއެވެ. ފަރު ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމުން ފަރުގައި އަށީގެންފައިވާ ކުލަ ކެހެމުގެ ނަތީޖާއެކެވެ.
ކަނޑުގެ ކުލައަށް ބެލީމާވެސް ބަދަލު ފެނެއެވެ. ދުނިޔޭގެ ކަނޑުތަކުގެ 56 އިންސައްތައިގެ ކުލަ ވޭތުވެދިޔަ 20 އަހަރު ތެރޭ ނޫ ކުލައިން ފެހި ކުލައަށް ބަދަލުވެފައިވެއެވެ. ކަނޑުގެ ފެންގަނޑުގައި ދިރިއުޅޭ ފައިޓޮޕްލެންކްޓަން ކިޔާ ކުދި ދިރުންތަކުގެ ބެހެނިވެރިކަމާއި ޑެންސިޓީ ބަދަލުވުމުން ކަނޑުގެ ކުލައަށް އަސަރުކުރާ ކަމަށް ދިރާސާ ބުނެއެވެ.
ފޮޓޯ / ބީބީސީ
ދޫނިތައްވެސް 15 އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި މޫސުމީ ބަދަލުގެ ސަބަބުން ފިޔައިގެ ކުލަ ފަނޑުވަމުން ދެއެވެ. ދިރާސާަތަކުން ދައްކާ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ބްލޫ ޓިޓް ކިޔާ ދޫނީގެ ދެ ޕޮޕިއުލޭޝަނެއްގެ ނޫ ކުލައާއި ރީނދޫ ކުލަ ފަނޑުވެފައިވާ ކަމެވެ. ދިރާސާގެ ލީޑް ލިޔުންތެރިޔާ ޑރ. ޑޭވިޑް ލޮޕެޒް އިޑިއާކެޒް ބުނީ ފިޔައިގެ ކުލަ ފަދަ ސިފަތައް ބޭނުންކުރެވެނީ އެހެން ފަރުދުންނަށް އެ ދޫނީގެ ފެންވަރު ދެއްކުމަށް ކަމަށާއި ބިސް އެޅުމާއި ދަރިފަސްކޮޅު އުފެއްދުމުގެ ނިންމުންތަކުގައި ކުލަ ވަރަށް މުހިންމު ކަމަށެވެ.
މާމެލާމެލީގެ ކުލައަށް ވެސް ބަދަލު އަންނަކަން ދިރާސާތަކުން ފެނެއެވެ. ވޭތުވެދިޔަ 75 އަހަރުގެ ތެރޭ މާމެލީގެ އަލްޓްރާވައިލެޓް ޕިގްމެންޓޭޝަން މައްޗަށް ގޮސްފައިވެއެވެ. ޕިގްމެންޓް މުޅި މަލުގައި ގަދަވީމާ ޕޮލިނޭޓަރުން މާ ހޯދައި ނުގަނެ ހިނގައިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އދ. ގެ ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ކާނާގެ ބާވަތްތަކުގެ 75 އިންސައްތައަކީ ޕޮލިނޭޝަންގެ މައްޗަށް ބަރޯސާވާ ބާވަތްތަކެވެ. އެހެންކަމުން މާމެލީގެ ކުލައަށް އަންނަ ބަދަލަކީ ހަމައެކަނި ރީތިކަމާ ގުޅޭ ކަމެއް ނޫނެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ.
ކުލަ ތިއޮރީ
ކުލަ ގެއްލުމުން ކުރާ އަސަރަކީ ހަމައެކަނި ލޮލަށް ފެންނަ ބަދަލެއް ނޫނެވެ. ކުލަތަކަކީ ހަމައެކަނި ރީތިކަމެއް ނޫނެވެ. ކުލައިގެ ބާރު ހުންނަނީ އިންސާނާގެ ޖަޒުބާތުތަކާއި މޫޑާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކުރުވާ މިންވަރަށެވެ. ފެހި އަދި ނޫ ފަދަ މަޑުމައިތިރި ކުލަތަކުން ހާސްކަން ކުޑަވެ ހަމަޖެހުން ލިބި ސަމާލުކަން އިތުރުވެއެވެ. ހޫނު ވައިބްރެންޓް ކުލަތައް ކަމަށްވާ ރަތް އަދި އޮރެންޖުން ހަކަތައާއި ހިތްވަރާއި ކާހިތް އިތުރުވެއެވެ.
ސައިކޮލޮޖިކަލް ސައިންސް ޖާނަލްގައި ޝާއިޢުކުރި ދިރާސާއެއް ދައްކާ ގޮތުން ދެރަވެ މާޔޫސްވެފައި ތިބޭ ވަގުތު ކުލަތައް ވަކިކުރުމުގެ ޤާބިލުކަން ދަށްވެއެވެ. އެހެންވީމާ ވަށައިގެންވާ ދުނިޔެ ފަނޑުވާ ވަރަކަށް ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބެލެވެއެވެ.
ދިރިއުޅޭ ތަނުގައި ކޮންމެވެސް ވަރަކަށް ކުލަ އިތުރުކޮށްލެވިދާނެއެވެ. ނިދާ އެދުމުގައި އަޅާ ބެޑްޝީޓުން ވިޔަސް ބައިންދައިލާ ގަސް ޕޮޓެއް ނުވަތަ ފާރުގައި އެލުވައިލާ ކުލަގަދަ ކުރެހުމެއް ވިޔަސް ކޮންމެ ކުޑަ ބަދަލެކުން ވެސް އޭގެ ފައިދާ ކުރާނެއެވެ. ޤުދުރަތުގެ ތެރެއަށް ނުކުމެ ގަސްތަކާއި މާމެލީގެ ކުލަތައް ބަލައިލާށެވެ.
ކުލައަކީ އެމީހެއްގެ ތަފާތުކަން ނޫނީ ހިޔާލުތައް ދެއްކުމުގެ ވަސީލަތެކެވެ. ދުނިޔެ އަޅި ކުލައަށް ބަދަލުވިޔަ ނުދީ ހިފެހެއްޓޭނީ ކޮންމެ ފަރުދެއް ވެސް އެ ފަރުދެއްގެ ދިރިއުޅުމުގައި ކުލައަށް ޖާގަ ދީގެންނެވެ. ދުނިޔެ އަކީ އަދިވެސް ކުލަގަދަ ތަނެކެވެ. ހޯދަން ބެލީމާ ކުލަ ފެންނާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists