މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އަނިޔާވި މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއް ނޫން ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި އެކްސިޑެންޓް ހިނގި ސަރަހައްދު މަގުމަތީ ގިނަ އަދަދަކަށް ލޭ ހުރިއިރު އަނިޔާވި އަންހެން މީހާގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބާފައި ވެއެވެ. އަނެއް ދެ ފިރިހެނުންނަށް ވެސް ވަރަށް ބޮޑަށް އަނިޔާވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists