ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި ޕީއެންސީގެ 16 މެންބަރުންގެ ވަފުދެއް ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގާ އިސްލާމްއާބާދުގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ "ބިޒްނަސް ރިކޯޑާ" ނޫހާ ހަވާލާދީ އަޔާޒް ސާދިގު ވިދާޅުވީ، ދިވެހި ވަފުދުންގެ މި ޒިޔާރަތަކީ ދެ ޤައުމުގެ މުއައްސަސާތައް ގުޅުވައިލުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، ޕާކިސްތާނުން ރާއްޖެއާ އެކު ޒަމާނުއްސުރެ ދެމެހެއްޓި އެކުވެރިކަމަށް ވަރަށް ބޮޑު ޤަދަރެއް ކުރާ ކަމަށާއި ޕާލަމެންޓަރީ ރޮނގުން އެ ގުޅުން އިތުރަށް ފުޅާކުރަން ޝައުޤުވެރިކަން އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާ އެކު، ދެ ޤައުމުގެ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުގެ ދައުރު އަޔާޒް ސާދިގު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ވަފުދުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ ނޭޝަނަލް އެސެމްބްލީގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists