މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެ އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރަން ނިންމި ބޯޑްގައި ތިއްބެވި މެންބަރުން ވަކިކުރި ނަމަވެސް އެ މެންބަރުންގެ ނަންތައް ހާމަކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ދެކޮޅު ހައްދަވައިފި އެވެ.
އަބުޗާ ދޫކޮށްލުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން މިނިސްޓަރު އިހްސާން މިއަދު ވަނީ އެ ނިންމުން އަލުން މުރާޖައާ ކުރުމަށް ޕެރޯލް ބޯޑަށް އަންގާފަ އެވެ. އަދި އެ ނިންމުން ޕެރޯލް ބޯޑުން ފަހުން ބަދަލުކުރި އެވެ. އެއާއެކު މިއަދު ހަވީރު ފުލުހުން ވަނީ އަބުޗާ އަލުން ހައްޔަރުކޮށްފަ އެވެ.
އޭގެ ފަހުން ސަރުކާރުން ވަނީ ޕެރޯލް ބޯޑްގެ ހުރިހާ މެންބަރުން ވަކިކޮށްފަ އެވެ. އެކަން ނޫސްވެރީންގެ ބައްދަލްވުމުގައި އިހްސާން ވަނީ ހާމަކުރައްވާފަ އެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި ނޫސްވެރީން ވަނީ ޕެރޯލް ބޯޑްގައި ތިބީ ކޮން ބައެއްތޯ ސުވާލުކޮށްފަ އެވެ. އަދި މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
ބޯޑްގައި ފުލުހުންނާއި ކަރެކްޝަންގެ އިސް ބޭފުޅުންވެސް ހިމެނޭއިރު އިހްސާން ވިދާޅުވީ މެންބަރުން ވަކިކުރީ އެ ބޯޑާއެކު ކުރިއަށްދާން ބޭނުންނުވާތީ ކަމަށެވެ. އަދި "ކޮންވެސް ވަރެއްގެ އިހްމާލެއް" އޮތް ކަމަށް ދެކޭ ކަމަށެވެ.
ނަމަވެސް އެ މީހުންގެ ނަންތައް އާންމުކޮށް އެކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޕެރޯޑް ބޯޑު އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް މުވައްޒަފަކާއި މިނިސްޓްރީ އޮފް ހެލްތުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް މުވައްޒަފަކާއި އެޓަރނީ ޖެނަރަލްގެ އޮފީހުގައި ވަޒީފާ އަދާކުރާ ޤާނޫނީ ވަކީލަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަނޑައަޅާ މެންބަރަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރަކާއި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ ޢިލްމުވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ޢިލްމުވެރިއަކާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިސަރަކާއި މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ނަފްސާނީ ފަރުވާދޭ މީހެކެވެ.
މީގެ ތެރެއިން ވަކިކުރީ ކޮން ބައެއްކަަން އަދި ބޯޑްގައި މިހާރު ތިބީ ކޮން ބައެއްކަން ސާފެއް ނުވެ އެވެ. މީގެ އިތުރުން ހަ މީހަކު ވަކިކޮށް އަނެއް ތިން މީހުން ވަކިކުރި ސަބަބެއް ވެސް ސާފެއް ނުކޮށްދިނެވެ. ވިދާޅުވީ ބޯޑަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists