މިސްކިތު ވޭޖް ނަމުގައި ދައުލަތުގެ މާލީ ޤަވާއިދުތަކާ ހިލާފަށް ރަށުކައުންސިލެއްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި މުއައްޒަފަކު ތިން އަހަރުވަންދެން އިތުރު މުސާރައެއް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ވ.ރަކީދޫ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައެވެ. އޮޑިޓްގައި ބުނެފައިވަނީ ކައުންސިލް އިދާރާގެ ވަގުތީ ސެކްޓްރީ ޖެނެރަލްގެ އެކައުންޓަށް އެ ފައިސާ ކޮންމެ މަހަކުވެސް ޖަމާކޮށްފައިވަނީ، ކައުންސިލް އިދާރާއިްނ ބޭންކަށް ފައިސާ ފޮނުވާ ސިޓީއާއެކު އެޓޭޗްކޮށްފައިވާ ޝީޓްގައި އެ މުއައްޒަފުގެ އިތުރުން ކައުންސިލް ނާއިބްރައީސް އާއި ރައީސް އާއި ކައުންސިލް އިދާރާގެ އެހެން މުވައްޒަފެއް ސޮއިކޮށް ހުއްދަދީގެންކަމަށެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް މިސްކިތު ވޭޖްނަމުގައި ޖުމްލަ 337،600 ރުފިޔާ ވަނީ އޭނާގެ އެކައުންޓަށް ޖަމާކޮށްފައެވެ. މިސްކިތު ވޭޖް މުސާރަ ދިންއިރު މަސައްކަތްކުރި ދުވަހާއި މުސާރަ ހިސާބުކޮށްފައިވާ ގޮތާއި، ކޮށްފައިވާ މަސައްކަތް އެނގޭނެ ލޮގެއްވެސް ނެތްއިރު، މިކަން ކޮށްފައިވަނީ ސިވިލްސާވިސްގެ ގަވާއިދުތަކާވެސް ހިލާފަށެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ. މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ދެއްވި ރައުޔުގައި ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސް އަނބުރާ ހޯދަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ އަނބުރާ ހޯދުމަށް އެދިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists