އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމް ހުޅުވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާކުރެވި ރަނގަޅުވުމުގެ އުއްމީދުބޮޑު ބައްޔެއްކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަލާއިރު އުރަމަތީގެ ކެންސަރަކީ އިސްކަން ދޭންޖެހިފައިވާ ބައްޔެއް ކަމަށާއި، އެގޮތުން އުރަމައްޗަށް އަންނަ ބަދަލުތައް ފާހަގަކޮށް ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެކަމަނާ ވަނީ އިލްތިމާސްކުަރއްވާފައެވެ.
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖިއޮގްރަފީގެ ގޮތުން ރަށްރަށް ދުރުގައި އޮންނަ ގައުމެއްގައި، ދުރު ހިސާބެއްގައި ހުރުމަކީ ފަރުވާގެ ފެންވަރު ނުވަތަ ފަރުވާ ލިބުމުގެ އަވަސްމިނަށް ހުރަސް އެޅެން ޖެހޭ ސަބަބެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެ ގޮތުން، މުޅި ރާއްޖޭގައި ކެންސަރުގެ ހިދުމަތް ހަރުދަނާ ކުރުމާއި، ރެފަރަލް ނިޒާމު ރަނގަޅު ކުރުމާއި، ތަހައްސުސީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ގޮވައިލެއްވިއެވެ.
މި ސިމްޕޯޒިއަމަކީ އުރަމަތީގެ ކެންސަރާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists