ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.
ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއްކަން މީގެ ކުރިން އެތައް ފަހަރަކު އެންގި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އުސޫލްތަކާ ހިލާފަށް އަމަލުކުރަމުން އަންނަކަމަށް އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
އެޗްޑީސީގެ މި އިއުލާނުގައި ވަނީ ގަވާއިދާ ހިލާފަށް އެކި ސަރަހައްދުތަކުގައި ހުރި ތަކެތި ނަގައި، މާދަމާގެ ނިޔަލަށް އެކަންކަން ރަނގަޅުކުރުމަށް އަންގާފައެވެ. މީގެ އިތުރުން، ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭ، ހޮޓާތައް ހިންގާ ފަރާތްތަކުން އެ ހުއްދަތައް ނެގުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ބުނީ ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހުންނަ އެފަދަ ތަންތަނާމެދު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތްތަކާއި ގުޅިގެން ފިޔަވަޅު އަޅާނޭކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists