ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރުމަށް އައްޑޫ މީދޫ ކައުންސިލުން ނިންމައިފިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ.
މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދެއްގައި "ވީކެންޑް މާރކެޓް" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތެކެވެ. ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާ އަދި ފަލަމަޑީގެ ބާވަތްތައް ވިއްކުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކާއި ގަސް ވަށި ވިއްކުމުގެ ފުރުސަތު ވެސް މި މާރުކޭޓުގައި ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މާރުކޭޓުން ގޮޅިއެއް ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ. މި ހަރަކާތަކީ މީދޫ ދަނޑުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ ރަސްމީ ޕްލެޓްފޯމެއް ގާއިމުކުރުމުގެ ގޮތުން ކައުންސިލުން ފެށުމަށް ރާވާފައިވާ ކަމެއްކަމަށް މީދޫ ކައުންސިލުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists