މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ސޯސަންމަގުގައެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، 26 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރަން އަމުރުކުރީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އަދި އޭނާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް، އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް ސައިކަލު ދުއްވާފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި 21 އަހަރުގެ ޒުވާނާއަކީ ލައިސަންސް ނެތި އުޅަނދު ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists