ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ދައްކަނީ، އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކަމަށް އެލްޖީއޭ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ މައުލޫމާތާ ހަވާލާދީ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކާ ގުޅިގެން، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ސާފުކޮށްދިނުމަށް އެލްޖީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލްތައް އުވާލައި 17 މޭ 2026 އިން ފެށިގެން އަތޮޅުތަކުގައި އެލްޖީއޭގެ ގޮފިތައް ގާއިމުކޮށްފައިވާ ކަމަށެވެ.
އަދި މި ބަދަލާއެކު އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހުރިހާ އިދާރީ ޚަރަދުތަކެއް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއާ މަތިކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެލްޖީއޭ އިން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ދައުލަތުން ފާސްކޮށްދީފައިވަނީ 37.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ އަތޮޅު ގޮފިތައް އުފެދުމުގެ ކުރިން ފާސްކޮށްފައިވާ ބަޖެޓަކަށް ވާތީ، އަތޮޅު ގޮފިތައް ހިންގުމުގެ ޚަރަދުތައް އެ ބަޖެޓުގައި ހިމެނިފައެއް ނުވެއެވެ. މި އަހަރުގެ އޮކްޓޯބަރު 6 ގެ ނިޔަލަށް އެލްޖީއޭގެ އަސްލު ބަޖެޓުން ޚަރަދުވެފައިވަނީ 18.5 މިލިއަން ރުފިޔާއެވެ.
އަތޮޅު ގޮފިތަކުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގައި އެދިގެން އެލްޖީއޭގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން، 17 މޭ 2026 އިން ފެށިގެން 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް އަތޮޅު ގޮފިތައް ހިންގުމަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ އެ ފައިސާގެ ތެރެއިންނެވެ.
އެހެންކަމުން، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ ބޮޑުތަން އިތުރުވެފައިވާ ކަމަށް ފެންނަނީ، އަހަރީ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކަށް ޚަރަދުކުރި ފައިސާވެސް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމަނާފައިވުމުން ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
އަދި މި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ.
މީގެއިތުރުން، އެ އޮތޯރިޓީއާ ގުޅޭގޮތުން ޚަބަރު ފެތުރުމުގެ ކުރިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އަބަދުވެސް މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެލްޖީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists