ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިލްކުޝާގެ / ގދ. ވާދޫ، މުޙައްމަދު ނިޝާދު (41އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 7ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 37.99 ގުރާމް ހުރިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 90 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists