ގައުމީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ރާއްޖޭގެ 18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 މެދުވެރިކޮށް މިއަދު މިކަން ވަނީ ރަސްމީކޮށް އިއުލާންކުރައްވައިފައެވެ.
ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކޮންމެ އަތޮޅެއްގައި ވަކި މަރުކަޒެއް ގާއިމުކޮށްފައިވެއެވެ. ލާމަރުކަޒީ ގާނޫނު (ގާނޫނު ނަންބަރު 2010/7) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ އިންޓެގްރޭޓެޑް ސަރވިސް ސެންޓަރުތަކެއްގެ ގޮތުގައި ގައުމީ ފެންވަރުގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން އެއީ މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު މަގުސަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ކޮންމެ މަރުކަޒެއްގެ އިނގިރޭސި ރަސްމީ ނަމާއި ދައުލަތުގެ އޮފީސްތަކާ ސިޓީ ބަދަލުކުރުމުގައި ބޭނުންކުރާނެ މުއައްސަސާ ނަންބަރުތައް ވެސް ހިމަނުއްވައިފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists