ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނީ ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ޑެންމާކުގެ ކޯޕަންހޭގަންގައި އޮތް ޓްރެއިނިންގ ކޭމްޕުން ރޮނާލްޑޯ ނުކުމެގެން ދިއުމާ ގުޅިގެންނެވެ. ރޮނާލްޑޯ ޓީމު ދޫކޮށް ދިޔައީ، ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް 30 މިނެޓު ކުޅެން ދޭނެ ކަމަށް ކޯޗު ޖޯޖް ޖީސަސް ވީ ވައުދާ ޚިލާފުވެ، ބެންޗުގައި ބޭނުމުން އުފެދުނު ހިތްހަމަނުޖެހުންތަކަކާ ގުޅިގެންކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޓީމު ދޫކޮށް ދިއުމަށްފަހު، ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވަނީ ޓީމު ދޫކޮށްލަން ނިންމި ސަބަބުގެ ހަގީގަތް ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، ފަހުން އާންމުކުރި ސިޓީއެއްގައި އޭނާ ވަނީ އެ އަމަލަށް ޒިންމާ ނަގައި، ޓީމުގެ ކުޅުންތެރިންނާއި ޕޯޗުގީޒު ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ފެޑެރޭޝަނުން އަޅާ ކޮންމެ ފިޔަވަޅަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށާއި، އަލުން ޓީމަށް އެނބުރި އަންނަން ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists