ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ.
ތްރެފިކް ގަވާއިދާ ހިލާފަށް ދުއްވަނިކޮށް ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ތިން މީހުން އަރުވައިގެން ސައިކަލް ދުއްވިކަމަށް ތުހުމަތުކުރާ ހ.ލާމިޔާ އަހުމަދު އުވައިސް އަކީ އެކި ކޯޓުގައި މިހާރުވެސް އޭނާގެ މައްސަލަތައް އޮތް މީހެކެވެ. އެގޮތުން މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައި ވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓަުގައި ހިނގި އުވައިސްގެ ޝަރީއަތުގައި އޭނާގެ މައްޗަށް ފޭރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، އަދި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާތަކެއް ހިމެނެއެވެ.
އެންމެފަހުްނ ހިނގި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ތިންމީހުން އަރުވައިގެން ސައިކަލް ދުއްވަންއިނީ، އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists