ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮތީ ހުރިހާ ބޮޑުން އެކީގައި ސައިބުއިން: ރައީސް ނަޝީދު
ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮތީ ހުރިހާ ބޮޑުން އެކީގައި ސައިބުއިމަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ކޮއްތަށް ޚަރަދުވާ މިންވަރު އޮޅުންފިލުވުމަށް އާންމު މީހަކު މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން 1932 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ސައިގެން ކަންތައް ހިނގަމުންދިޔަ ގޮތަށް ބަލާއިރު މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް ޝިހާބު އެހެން މެންބަރުންނާ އެކުގައި މޭޒުކޮޅުގައި އިންނަވައިގެން ސައިފޮދު ހިއްޕަވާތަން މަޖިލީހުގެ ފޮޓޯތަކުން ފެނިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަސީދުވަނީ މިހާރުގެ މަޖިލީހުގެ ކޮއްތު ހަރަދުތަކުގެ ތަފްސީލްވެސް އަރުވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތަށް 13909.56 ރުފިޔާ ހަރަދުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި ކުރިޔަށްދަނީ ހަފްތާ އަކު ތިން ދުވަހަކުއެވެ. އެހެން ކަމުން މަހަކު 12 ޖަލްސާ ބާއްވާނަމަ، މަޖިލިސް މެމްބަރުންގެ ކޮއްތަށް މަހެއްގެ މައްޗަށް 166،914.72 ރުފިޔާ މަދުވެގެނެް ޚަރަދު ވާނެއެވެ.
ނަމަވެސް އޭގެން ކުޑަ މިންވަރެއް މަޖިލީހުުގެ މުވައްޒަފުންނަށް ލިބިގެންދާ ކަމަަށާއި، މެންބަރުންގެ ކޮއްތުން މުވައްޒަފުންނަށް އެތިކޮޅެއް ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް މެންބަރުންނާއި ރައްޔިިތުން ދެކޭނަމަ އެއަށް ބަދަލު ގެނެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދާއި ފަރިއްކޮޅުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.
މަޖިލިސް މެންބަރުންނަށް ހިލޭ ކެއުމާއި ސައި ދޭތީ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުން އެވެ. އަދި އެއީ ބޭކާރު ހަރަދެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists