ޝަރީއަތުގެ މަޖިލީހުގައި މުއައްވިޒް އިތުރުފުޅު ހެއްދެވިކަމުގެ ތުހުމަތު!

21 Aug 2019 | 15:01

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގ ދައުވާގައި، އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު އިތުރުފުޅު ހެއްދެވިކަމަށް އެކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ތުހުމަތު ކުރައްވައިފިއެވެ.

އެންމެފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން މުއައްވިޒް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީނާއި ބައްދަލުކުރީ ތަހުގީގުގެ ބަޔާން ނެގުމަށްކަމަށާއި އެ ބައްދަލުުވުމުގައި ބައިވެރިވީ އެކޮމިޝަންގެ އޭރުގެ ރައީސް ހަސަން ލުތުފީއާއި މުއައްވިޒް ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ އެ ބަޔާން ނެގި ވަގުތު އެކަން ރެކޯޑްކުރުމަށް ރައީސް އޮފީހުން ހުއްދަ ދީފައިނުވާ ކަމަށާއި ރައީސް ޔާމީން ދެއްވި ބަޔާނުގައި އިނގިލީގެ ނިޝާން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށެވެ.

ނަމަވެސް ލުތުފީ މިއަދު އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ މިކަން ދޮގުކުރައްވާފައެވެ.

ލުތުފީ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ ފައިސާ ވަދެފައިވާކަން އެނގިގެން އޭނާއާއި މުއައްވިޒް، އަދި އޭނާ ވަކިންވެސް ރައީސް ޔާމީނާއި ބައްދަލުކޮށްފައި ނުވާނެކަމަށެވެ.

އަދި އެ ފައިސާތައް ދައުލަތަށް އަނބުރާ ދެއްކުމަށް ރައީސް ޔާމީނާއި ބައްދަލުކޮށްވެސް އަދި ފޯނުގެ ޒަރިއްޔާއިންވެސް އަންގާފައިނުވާނެކަމަށް ލުތުފީ ވިދާޅުވިއެވެ. އެއީ އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަނޑައެޅިފައި ނުވާތީކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement