ގްރިޒްމަންގެ މޮޅު ކުޅުމާއެކު ބާސާއަށް ފަސޭހަ މޮޅެއް

26 Aug 2019 | 04:33

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއައި ދެކޮޅަށް ކުޅުނު މެޗް 5-2 ކުން ފަސޭހަކަމާއެކު ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ގިނަ ގޯލުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ބެޓިސްއެވެ. މެޗުގެ 15 ވަނަ މިނެޓުގައި ނަބީލް ފެކީރް ބެޓިސްއަށް ކުރި ހޯދަ ދިންއިރު ބާސެލޯނާއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް މި ސީޒަނުގައި އެޓްލެޓިކޯއިން ބާސާއަށް ބަދަލުވި ފްރާންސްގެ ތަރި ގްރިޒްމަންއެވެ.

ފުރަތަމަ ހާފައި ހިލާފަށް ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ އެޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅުކޮށް އުފެއްދި ހަމަލާތަކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ. އެގޮތުން ކައިރި ކައިރީގައި ޖެހި ދެ ގޯލާއެކު ބާސާވަނީ ކުރި ހޯދާ ލީޑް އިތުރު ކޮށްފައެވެ. ބާސެލޯނާއަށް ކޮޅަށް ނަތީޖާ އަނބުރާލި ގޯލްވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރިޒްމަން ޖެހިއިރު އެޓީމުގެ ލީޑް ފުޅާ ކޮށްދިނީ ޕެރޭޒްއެވެ. ގްރިޒްމަންގެ ދެ ގޯލުގެ އިތުރުންވެސް އޭނާއަށް ވަނީ އިތުރު ލަނޑެއްޖަހާ ހެޓްރިކް ހަދާނެ ރަނގަޅު ފުރުސަަތުތަކެއްވެސް ލިބިގެން ގޮސްފައެވެ.

ބެޓިލް ކޮޅަށް 20 ޝޮޓް ފޮނުވާލި ބާސެލޯނާވަނީ މެޗުގެ 60 އަދި އަދި 77 ވަނަ މިނެޓުގައި ޖެހި ގޯލުތަކާއެކު ނަތީޖާ 5-1 އަކަށް ހަދާފައެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ކުރި ބެޓިސްވަނީ 79 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ ނަތީޖާ 5-2 ކަށް ހަދާފައެވެ.

މި މެޗުގައި އެންމެންގެ ލޯ އަޅައިގައިން އެއް ކަމަކީ ބާސެލޯނާގެ ސްކޮޑުގައި އެޓީމުގެ ސުޕަރ ސްޓާރ މެސީ ހިމެނިފައި ނުވުމެވެ. އަނިޔާއިން ސަލާމަތްވެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށާފައިވާކަމަށް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާއިރު، ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް މެޗުގައި އޭނާ ފެނިގެންދާނެއެވެ.

މި ނަތީޖާއާއެކު ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ވަނީ ތާވަލުގެ ނުވަ ވަނައަށް ކުރިއަށް ޖެހިލާފައެވެ. 

Advertisement

ކޮމެންޓް

Advertisement