ބްރިންޖުން އެންމެ ބޮޑު ނަފާއެއްވީ އެއްބަޔަކަށް ވިޔަފާރިވެރިން!

08 Sep 2019 | 12:29

ސިނަމާލެ ބްރިޖް މީގެ އެއް އަހަރު ކުރިން ހުޅުވިގެންދިޔައިރު، އެ މަޝްރޫއަކީ ވެރިރަށް މާލޭގެ މަލަމަތި ބަދަލުކޮށްލި ބޮޑު މަޝްރޫއެކެވެ. ނިމިގެން ދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން އެންމެ އަގުހުރި ހަދިޔާ އަކީވެސް އެއީ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެ ބްރިޖް އެޅީ، އެއީ ކުރެވޭނެ ކަމެއއް ނޫން ކަމަށްވެސް ބަޔަކު ބުނަމުން ދަނިކޮށެވެ.

އެގޮތުން، މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ކަނޑު ހުރަސް ކޮށްފައި ކުރަމުން އައި ދަތުރު ފައިމަގުގައި ކުރެވިދާނެ ކަމަށް ގަބޫލު ކުރި ދިވެއްސަކު އޭރަކު ނެތެވެ. ބްރިޖް އަޅާނަމޭ ކިޔައިގެން ކުރީ ސަރުކާރުން ދައްކަމުން އައީ ކުލަ ޖެހެން ނެތް ހުވަފެންތަކެއް ކަަމަށާއި، އެއީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށްވެސް ބުނަމުން ދިޔައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރިޖްތައް އެޅުމަށް މަޝްހޫރު ޗައިނާގެ، އެކަމަށް ގާބިލު ކުންފުންޏެއް ކަމަށްވާ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިން ކުންފުނިން، ބްރިޖް އެޅުމަށްޓަކައި އަމަލީ މަސައްކަތް ފެށިއިރުވެސް އެކަން ވާނެ ކަމަށް ގަބޫލު ކުރި މީހުން މަދެވެ. ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

އަދި 2018 ވަނަ އަހަރުގެ އޯގަސްޓްމަހު އެ ބްރިޖް ހުޅުވިގެންދިޔައިރު، އެ މަޝްރޫއުގެ ސަބަބުން، މިވީ އެއް އަހަރުގެ ތެރޭގައި ދިވެހިންނަށް އެތައް މަންފާއެއް ކުރަމުން އަންނަކަން މިވަނީ ޔަގީންވެފައެވެ.

ބްރިޖަށް އަހަރެއް ފުރުމާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ގުޅިގެން 300 މީހަކާ އިންޓަވިއު ކޮށްގެން ކުރި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ސިނަމާލެ ބްރިޖު ވުޖޫދަށް އައި ފަހުން އެމީހުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް އައިސްފައިވާ ބަދަލާ ގުޅޭ ގޮތުންނެވެ. އެ ދިރާސާ ކޮށްފައިވަނީ ގިނައިން ބްރިޖްމަތިން ދަތުރު ކުރާ ފަރާތްތައް ބައިވެރިކޮށްގެންނެވެ.

ދިރާސާގައި ދައްކާގޮތުން ބްރިޖް އެޅުމުން އެންމެ ބޮޑަށް ފަސޭހަވީ ޔެލޯ އެލާޓް ނެރެފައި އޮތަސް، ގަދަ ކަނޑު ހުރަސްކޮށް މާލޭގެ ސްކޫލްތަކަށް ދާންޖެހޭ ކިޔަވާ ކުދިންނަށެވެ. އެގޮތުން ފެރީގައި ދާން ޖެހޭތީ ސަލާން ބުނަން ޖެހޭ ކުދިންތަކަށް މިހާރު ބްރިޖްމަތިން ފަސޭހަ ކަމާއެކު މާލެއަށް ދެވެއެވެ.

އެއާޕޯޓަށް ފުރަންދާ މީހުން މާކުރިން އެއާޕޯޓަށް ދާން ޖެހުމުގެ ތަކުލީފު އުފުލަން ނުޖެހުމަކީވެސް ބްރިޖްގެ ސަބަބުން ލިބުނު ލުޔެކެވެ. އަދި މާލޭ ގެބަނދަރަށް ބާލާ މުދާ މީގެ ކުރިން ހުޅުމާލެއާ ހަމައަށް ގެންދަން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނުކަންވެސް ދިރާސާގެ ބައިވެރިން ފާހަގަކުރިއެވެ. އެކި ފަހަރުމަތިން ކަނޑުމަތިން މުދާ އުފުލަން ޖެހުމުން ވަގުތުތައް ހޭދަވެ ހަރަދުވެސް ބޮޑުވެގެން ދެއެވެ. އެހެންނަމަވެސް، ބްރިޖް ހުޅުވުމުން އެ ހަރަދު ވަނީ 30 އިންސައްތަ ދަށްވެފައި ކަމަށް ދިރާސާގެ ބައިވެރިން ބުނެއެވެ.

ދިރާސާގައި ބައިވެރިވި ކުންފުނިތަކުން ބުނީ ބްރިޖްގެ ސަބަބުން މުދާ އުފުލުން އަވަސް ވެެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ހުޅުމާލެއިން މާލެއަށް ފްރީ ޑެލިވަރީގެ ހިދުމަތްދޭންވެސް ވިޔަފާރި ކުންފުނިތަކަށް މިވަނީ ބްރިޖާއެކު ވަރަށް ބޮޑަށް ފަސޭހަ ވެފައެވެ.

ބްރިޖާއެކު ވިޔަފާރިވެރިންނަށް ލިބުނު ލުއިތަކުގެ ނަތީޖާއަކަށް ވެގެން މިދިޔައީ މުދަލުގެ އަގު ހެޔޮވެ، ކަސްޓަމަރުންނަށް ހިތްހަމަޖެހުން ލިބުމެވެ. އަދި އިގްތިސާދަށް އެކަމުގެ ހެޔޮ އަސަރު ކުރުމެވެ.

ބްރިޖާ ގުޅޭގޮތުން ކުރީގެ ސަރުކާރުން ބުނި ގޮތަށް، ރައްޔިތުންނަށް ފެނިގެންމިދަނީ އެ ބްރިޖުން މަންފާތަކެއް ލިބެމުން އަންނަ މަންޒަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 30 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖް ހުޅުއްވައި ދެއްވަމުން ވިދާޅުވި ފަދައިން ބްރިޖަކީ އިގްތިސާދީ ދޮރާއްޓަކަށް މިވަނީ ވެފައެވެ.

ސިނަމާލެ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުރެއެވެ. އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ.

ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުރެއެވެ. 

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް