ކެމިކަލްފަދަ ތަކެތި ހުރި ގުދަންތައް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލަނީ

21 Sep 2019 | 02:50

ނުރައްކާތެރި ކެމިކަލްފަދަ ތަކެތި ހުރި ގުދަންތައް އެހެނިހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި މުލީއާގޭގައި މިރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައެވެ.

މިރޭގެ މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކުގެ ކަންކަން ކުރިޔަށްގެންދެވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އޭގެ ތެރޭގައި މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވިއެވެ. އަދި މިރޭގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވަޒީރުންގެ މަޖުލީހުގައި ނިންމެވިއެވެ.

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ހުރި ކެމިކަލްފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް