ޝަހިންދާގެ ވާާހަކަތައް ޑރ.ޝަހީމް ދޮގުކުރައްވައިފި

18 Oct 2019 | 16:53

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު 2015ވަނަ އަހަރު ތައްޔާރުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަށް އިސްލާމިކް މިނިސްޓްރީން އެހީތެރިވިކަމަށް އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ބުނި ވާހަކަ، އޭރުގެ އިސްލާމިކް މިނިސްޓަރ ދޮގުކުރައްވައިިފިއެވެ.

ޝަހިންދާގެ ވާހަކަ ދޮގުކުރައްވާފައިވަނީ، އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޑރ.ޝަހީމް ވިދާޅުވީ އެ އަހަރުގެ މޭމަހުގެ ފަސްވަނަ ދުވަހާއި ހަމައަށް މިނިސްޓަރަކަށް ހުންނެވީ އެބޭފުޅާ ކަމަށާއި، އެބޭފުޅާ މިނިސްޓަރަކަށް ހުރި ދުވަސްވަރު އެމްޑީއެންއާ އެކު އެފަދަ ރިޕޯޓެއް އެކުލަވާލުމުގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށެެވެ.

އެބޭފުޅާ ވިދާާޅުވީ ދީނީ ކަންކަމުގައި މިނިސްޓްރީއިން ގެންގުޅޭ ސިޔާސަތު ހާމަ ކުރުން ފިޔަވައި އެއްވެސް މިފަދަ ޖަމާޢަތަކާއެކު ނެރެގެން އުޅޭ ފަދަ ދިރާސާ ރިޕޯޓެއް ހެދުމަށް އިންޓަވިއު ދީފައި ނުވާނެކަމަށެވެ. އަދި ދީފައިވާ އިންޓަރވިއުއަކީ މިނިސްޓްރީގެ ސިޔާސަތުތަކާ ބެގޭ ގޮތުން ޢާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް ކުރާ ސުވާލުތަކަށް ދީފައިވާ ޖަވާބުތަކެއްކަމަށް ވަނީ ބުނެފައެވެ.

"އެމްޑީއެންގެ ބޭފުޅުންނަށް ވެސް ދީފައިވަނީ އެ ޖަވާބުތަކެވެ. ފަހަރެއްގައި ވެސް އެއީ އިސްލާމްދީނަށް ފުރައްސާރަކުރާ ރިޕޯޓެއްގައި ހިމަނަށް ކުރިކަމެއްކަމުގެ އިޙުސާސް ވެސް އެއިރަކު ނެތެވެ"، ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ މިހާރު ނެރެގެން އުޅޭ ރިޕޯޓުގެ މަޢުލޫމާތު ލިބުނީ ވެސް މީޑިޔާގެ ޒަރިއްޔާއިންކަމަށެވެ.

Advertisement

ކޮމެންޓް