ހިތްތަކުގެ ރަސްގެފާނުގެ ބަހާއި އަމަލުން ހިތަށް އަސަރުކޮށްފި

09 Nov 2019 | 23:07

ބޭރުބަޔަކު ޚަރަދުކޮށްގެން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބޯގަންވިލާ ޝަހިންދާ އިސްމާއީލްއާއި ދިވެހި އެހެން ބަޔަކު އިސްވެތިބެ ތައްޔާރުކުރި ލާދީނީ ރިޕޯޓް ދިފާއުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށް ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައި ދެކުނުގައި އެމްޑީޕީގެ ވަރުގަދަ ސަޕޯޓެއް އޮންނަ ރަށެއްކަމަށްވާ މަޝްހޫރު ހަވަރު ތިނަދުއަށް ނަޝީދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރްހަބާ ކިޔަން ތިނަދޫގެ އެމްޑީޕިޔަނުން ފަސްޖެހިއްޖެއެވެ.

މިދިޔަ ހަފްތާގައި ތިނަދުއަށް ނަޝީދު ވަޑައިގަތީ ވިލިނގިލީގައި ބޭއްވި ކައުންސިލަރުންގެ މަހާ ސިންތާ އިފްތިތާހްކުރުމަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ. އެމްޑީޕީގައި ނަޝީދުގެ އެންމެ ގާތްބޭފުޅުންނާއެކު ތިނަދޫއަށް ފައިބައިވަޑައިގަތްއިރު މިދުނިޔޭގައި އެމަނިކުފާނާއެކު ވީހާލެއްގައިވާން ތައްޔާރަށް ތިބި އެމްޑީޕީގެ މެމްބަރުންކޮޅެއް ތިއްބެވެ.

ތިނަދޫގައި އެމްޑީޕީގެ ހަރުގޭގައި އެމްޑީޕީގެ މެމްބަރުންނާއި ނަޝީދު ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް އެމްޑީޕީގެ ސެކްރެޓެރިއޭޓުން އިއުލާނެއް ޖެއްސެވެ. ދެން މަގުމަތީގައި ހިންގަވާފައި ވަޑައިގަތްއިރު އެހެންޏާ ފަރާތްފަރާތުން އެމަނިކުފާނުގެ ތާރީފްކޮށް އުފާފާޅުކުރަންތިބޭ މީހުން މިފަހަރު ނުނުކުތެވެ. އަދި ހަރުގެއަށް ބައްދަލުކުރަންވެސް ނުދިޔައެވެ.

ހަވަރުތިނަދުއާއި ޕޮލިޓިކްސް

ހަވަރު ތިނަދުއަކީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޟަމް ނުވަތަ ދިވެހިންގެ ގައުމީ ދުވަހުގެ ބަތަލް އުތީމު ބަންޑާރައިން ދެފަހަރެއްގެ މަތިން އެރަށަށް ހަގުރާމަކުރައްވަން ލަޝްކަރު ފޮނުއްވި ރަށެއްކަމަށް ތާރީޚް އިލްމުވެރިންކިޔައެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ރާއްޖެ މިނިވަންކުރެއްވުމަށްފަހު، ބުދަށް އަޅުކަންކުރުން ދޫނުކޮށް ތިނަދޫގެ މީހުން އުޅޭތީ ތަކުރުފާނު އެރަށަށް ވަޑައިގެން ހަގުރާމަކުރައްވައި އިސްލާމްދީނަށް މީހުން އަބުރުވައިލިއެވެ. ދެން މާލެވަޑައިގަތުމުން އަނެއްކާވެސް ޣަދަރުވެރިވެ ބުދަށް އަޅުކަންކުރަން ފެށުމުން މާލޭގެ ހަވަރު ފޮނުވައިގެން ހަގުރާމަކޮށް ބުދުތައް ތަޅައި ސުންނާފަތިކޮށް މީހުން އިސްލާމްދީނަށް އަބުރުވައިލި ދުވަހުންފެށިގެން ހަވަރު ތިނަދޫ ކިޔަންފަށައި އޭގެފަހުން ތިނަދޫގެ މީހުންނަކީ ދީނަށް ލޯބިކުރުމުގައި ސާބިތުކަންމަތީގައި ތިބޭ ބަޔެކެވެ. އެކަމަކު މުޅި ރާއްޖޭގައިވެސް ވަރަށް އިދިކީލަ ސިޔާސީ ގަޑުބަޑެއް އަބަދުކަހަލަ ގޮތަކަށް އޮންނަ ރަށެކެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެރަށުގެ އިދިކީލަކަން ބޮޑުކަމުން ސިފައިންގެ ލަޝްކަރަކާއެކުގޮސް އެރަށަށް ބަޑިޖަހައި މީހުންބާލައި، ރަށުތެރޭގައި އަލިފާންޖަހައި މުޅި ރަށް ސަހަރާއަކަށްހެދުމަށްފަހު އަލުން މީހުން އާބާދުކޮށް، ރައީސް މައުމޫންގެ ދައުރުގައި އެރަށަށް، ދިވެހި ރާއްޖޭގެ އެހެން ރަށަކަށް ސަރުކާރުން ނުދެއްވާ އިސްކަން ދެއްވައި، އޭރުގެ ހާލުން ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވަނިކޮށް، އެމަނިކުފާނުގެ ސަރުކާރާ އިދިކީލަ ހަދައި، އެމަނިކުފާނަށް ތާއީދުކުރާ މީހުން އެރަށަށް އެރިޔަނުދީ، އަރައިފިއްޔާ މޫދަށް ހޫރައިލައި، ތިނަދޫގެ މީހުންނަށް އެއީ ކާކުކަން ރަނގަޅަށް ނޭގޭ، މައުމޫން ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މުހައްމަދު ނަޝީދަށް ހިތާއި ފުރާނައިން ގުރުބާންވާ ބަޔަކަށްވެގެން ތިބެފައި، ނަޝީދު ރައީސް ކަމުން އިސްތިއުފާދިނުމުން، އެމަނިކުފާނު ނެތްދުނިޔެއެއްގައި ތިބެން ކެތްނުކުރެވި، އަމިއްލަ އަތްތަކުން އަމިއްލަ ރަށުގައި އަލިފާންޖަހައިހެދުމަށްފަހު، އެއަށްފަހު ރައީސްކަމަށް ވަޑައިގަތް އެރަށަށް ނިސްބަތްވި ރައީސް މުހައްމަދު ވަހީދު، އެމަނިކުފާނުގެ މަންމަގެ ރަށް ކަމުގައިވި އެހަވަރު ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގައިގައި ތަޅައިގަންނަން ނުކުމެ ބިރުދައްކައި ހެދުމަށްފަހު، ދެން ވެރިކަމަށް ވަޑައިގެންނެވި ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދިވެހި ރާއްޖޭގެ އެއްވެސް ރައީސަކު އެރަށަށް ކޮށްނުދެއްވާހާ ގިނަ ގުނަ ތަރައްގީގެ މަސައްކަތްތައް ގެނައުމުން ޝުކުރުވެރިވުމުގެ ބަދަލުގައި އެމަނިކުފާނަށް ވަގަށްގޮވާފައި ނުކުމެ ހިތާހިތާއި ގުޅިފައިވާ މުހައްމަދު ނަޝީދުގެ ޕާޓީ އެމްޑީޕީ އަލުން ވެރިކަމަށް ގެންނަން އެންމެ ވަރުގަދައަށް ނުކުތްބަޔަކީ ތިނަދޫ ރައްޔިތުންކަމަށްވީނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ފާއިތުވަމުންދާ އަހަރުދުވަހުގެތެރޭގައި ދެއަތް އުރާލައިގެން ބަލަހައްޓައިގެން ތިބުން ނޫންކަމެއް މީހުންނަކަށް ނުވިއެވެ. ނުވިތާކަށް މަސްވެރިންނަށްވެސް ހަމައަގު ލިބޭގޮތެއް ނުވިއެވެ.

ހިތްތަކުގެ ރަސްގެފާނުގެ ބަހާއި އަމަލުން ހިތަށް އަސަރުކޮށްފި

ކަންކަން އެންމެ ގޯސްވެގެންދިޔައީ ޝަހިންދާގެ ރިޕޯޓުންނެވެ. އެމީހުން އެހާބޮޑަށް ހިތާއިފުރާނައިން ގުރުބާންވަމުންދިޔަ ހިތްތަކުގެ ރަސްގެފާނު މުހައްމަދު ނަޝީދު ޝަހިންދާގެ ލާދީނީ ރިޕޯޓް ދިފާއުކުރަންފެށުމުންނެވެ. ތިނަދޫގެ ބައެއް އެމްޑީޕިޔަނުންގެ ނަޒަރުގައި ސިޔާސީމީހުންނަށް ހިތުހުރިހައި އެއްޗެހިގޮވިޔަކަސް އެމީހުންނަށް މައްސަލައެއް ނެތެވެ. އެކަމަކު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްއަށް އެއްޗެހި ގޮވައި ފުރައްސާރަކުރުމަކީ ރަތްރޮނގު ފަހަނައަޅައި ދިއުމެވެ. ހައްދުތައް ފަހަނައަޅައިދިއުމެވެ. ނަޝީދު، ޝަހިންދާގެ ލާދީނީ ރިޕޯޓް އެވަރަކުން ދިފާއުކުރަންޖެހޭ ސަބަބެއް އަދިވެސް އެމީހުންނަކަށް ނޭގެއެވެ.

ކޮންމެއަކަސް ޝަހިންދާގެ ލާދީނީ ރިޕޯޓުން ތިނަދޫގެ ރައްޔިތުންނަށް މިފަހަރު އަސަރެއްކޮށްފިއެވެ. ކަނޑައެޅިގެން ރަސޫލާއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ރިޕޯޓްގައި ތުހުމަތުކުރުމުން އަދި ގުރުއާންގެ އާޔަތްތަކަށް އިންކާރުކުރުމުންނެވެ. ތިނަދޫގެ އެމްޑީޕިޔަނުންގެ ހިތްތަކުގެ ރަސްގެފާނު އެލާދީނީ ރިޕޯޓް ދިފާއުކުރަންފެށީމައި އެއަށްވުރެ ބޮޑަށް އަސަރުކޮށްފިއެވެ. ތިނަދޫގެ ކައުންސިލުން ޝަހިންދާގެ ރިޕޯޓްކުށްވެރިކޮށް ބަޔާނެއް ނެރުނީ އެކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ރާއްޖޭގެ 130 ހަކަށް ކައުންސިލުން އެމްޑީއެންގެ ލާދީނީ ރިޕޯޓް ކުށްވެރިކޮށްފިއެވެ. ފުލުހުންގެ އިލްމީ ދިރާސާއަކުން އެރިޕޯޓްގައި ރަސޫލާއަށް ފުރައްސާކޮށްފައިވާކަމަށް ބުނެފިއެވެ. ސިޔާސީކަންކަމުގައި ހައްދުފަހަނައަޅައި ތިބޭބަޔަކު އުޅޭ ރަށަކަށް ތިނަދޫ ވިޔަސް ދީނަށް ލޯބިކުރާ މީހުން އެރަށުގައި ވަރަށް ގިނައެވެ. މިސާލަކަށް އެރަށުގެ ކުރީގެ މެމްބަރު ނާޒިމެވެ. ޔާމީނަށާއި މައުމޫނަށް ވަގަށް ގޮވާފައިވެސް ނަމާދަށް މިސްކިތަށް އަރުއްވާނެއެވެ. އެހެންވެ މިފަހަރު ޝަހިންދާގެ ރިޕޯޓް ނަޝީދު ކުށްވެރިނުކުރުމުން ހިތްތަކުގެ ރަސްގެފާނުގެ މޫނުފުޅު ދެކި ސަލާންގަލާންކޮށްހަދާން ނުނުކުތީއެވެ. ނަޝީދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުކޮށްލުމަށް ދައުވަތު ދިނުމުން އެބައްދަލުވުމަށް ހާޟިރުވީ ވިއްސަކަށް މީހުންނެވެ. މިއީ ޚުދު ނަޝީދަށްވެސް ގަބޫލުކުރައްވަން ދަތިފުޅުކަމެކެވެ.

ތިނަދޫން ފައިބައިގެން ގއ ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ފުރިހަމަ މަރްހބާއެއް ކިޔެވެ. 

ކޮމެންޓް