Advertisement

އެމްޑީއެން އުވާލުމަށް ދެކޮޅުހެދި މެންބަރުން ސަލަފު ޖަމުއިއްޔާ އުވާލަން ގޮވާލައިފި

22 Nov 2019 | 23:37

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއާއި ކީރިތި ގުރުއާނަށް ހަޖޫ ޖަހައި، ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ދެކޮޅު ހެދި މެންބަރުން، ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގައި ގޮވައިލައިފިއެވެ.

ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ، ޖަމްއިއްޔާތަކުގެ ބިލުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ހެންވޭރު އުތުރު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ސަލަފް ޖަމިއްޔާ އަކީ ހަރުކަށި ޓެރަރިސްޓް އަމަލުތައް ރާއްޖޭގައި ފަތުރާ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، ޖަމުއިއްޔާއެއް ކަމަށާއި އެޖަމުއިއްޔާ އުވާލަން އަޑުއުފުލަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ސަލަފުން ވަނީ ޑރ. އަފްރާޝީމް އަވަހާރަ ކުރުމަށް ހިތްވަރު ދިނުމަށް ބަޔާން ނެރެފައި ކަމަށެވެ.

މިއަދުގެ ޖަލްސަގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ސަލަފް ޖަމިއްޔާވެސް އުވާލަން ގޮވާލާފައެވެ. އަދި ސަލަފް ފަދަ ޖަމިއްޔާތައް ހިންގައިގެން ނުވާނެ ކަމަށާއި ޖަމިއްޔާގެ ނަމުގައި ސަލަފުން ނުރައްކާތެރި ކަންކަން ހިންގާ ކަމުގެ ރިޕޯޓް ލިބިފައި އެބަހުރި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ދީނީ ޖަމިއްޔާ ސަލަފްވެސް ހިންގަން ފުރުސަތު ދޭކަށް ނުޖެހޭނެ. ރާއްޖޭގެ ޖަމިއްޔާ އޮޕަރޭޓް ކުރުން މިހާރު އޮތީ ވަރަށް ބިރުވެރި ހާލަތެއްގައި.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ހަރުކަށި ދީނީ ޖަމިއްޔާތައް އުވާލައި އެމީހުވަގުތުން ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ.

ޖާބިރުގެ އިތުރުން އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، ޖަމިއްޔާތައް މޮނިޓާ ކުރެވެން ޖެހޭ ކަމަށާއި ޖަމިއްޔާތަކުން ކޮށްފައި ހުރި ކަންތައްތަކާއި ކުރެވިފައި ހުރި ކަންތައްތަކަށް ބަލައި އުވާލަން ޖެހޭ ނަމަ، ގައުމުގެ މަސްލަހަތައްޓަކައި އެ ޖަމިއްޔާތައް އުވާލަން ޖެހޭ ކަމަށެވެެ. އަދި އެއީ ސަރުކާރުގެ މަސްއޫލިއްތެއްް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ޖަމިއްޔާތަކުގެ ތެރޭގައި ތިން ވައްތަރެއްގެ ޖަމިއްޔާތަކެއް ރާއްޖޭގައި ހިންގަމުންދައިރު އެއް ވައްތަރަކީ ހަރުކަށި ފިކުރު ޖަމިއްޔާތައް ކަަމަށެވެ.

އޭނާ ވިދާޅުވީ ވަކި ޖަމާއަތަށް ވަކި މީހަކަށް ލޭ ހުއްދަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހަރުކަށި ޖަމުއިއްޔާތައް ވަކިކޮށް، އެފަދަ ޖަމުއިއްްޔާތައްއުވާލަން ކަމާބެހޭ ފަރާތްތަކަށް ރާއީ ވަނީ ގޮވައިލައްވާފައެވެ.

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމު މަރާލުމުގައި ސަލަފު ޖަމުއިއްޔާގެ އަތެއް ވާކަމަށް ބުނެފައެއް ނެތެވެ.

ނަމަވެސް ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަތެއްވާކަމަށް ބުނެފައިވާތީ ސަލަފު ޖަަަަަަަަަމުއިއްޔާ އުވާލައި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް މިއަދު މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ގޮވައިލެއްވިއިރު، އެމްޑީއެންއިން އިސްލާމް ދިނާ ހިލާފަށް ރިޕޯޓު ނެރުމުން އެޖަމުއިއްޔާ އުވާލުމަށް އިދިކޮޅު މެންބަރުން ވަނީ ގޮވައިލައްވާފައެވެ.

ނަމަވެސް އެމްޑީއެން އުވާލުމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން އޭރު ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އަދި އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން އެޖަމާއަތް އުވާލަން ނިންމި ކަމަށް ސަރުކާރުން ބުނިނަމަވެސް މިހާތަނަށް އެޖަމާއަތް އުވާލާފައެއް ނުވެއެވެ.

ސަލަފު ޖަމުއިއްޔާއަކީ ރާއްޖޭގެ އިލްމުވެރިން ތިއްބަވައި އެންމެ ބޮޑު ދީނީ ޖަމުއިއްޔާއެވެ.

Advertisement

ކޮމެންޓް