ސަލަފަށް ފިޔަވަޅުއަޅަށް ކޮމެޓީން ފާސްކޮށްފި

21 Nov 2019 | 05:56

ޓެރަރިޒަމަށް ވާގިދޭ ކަމަށް ތުހުމަތުކޮށް، ޖަމުއިއްޔަތުއް ސަލަފަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ފާސްކޮށްފިއެވެ.

ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ނިންމީ ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ، މަރުކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ސަލަފު ޖަމުއިއްޔާއަކީ ހަރުކަށި ފިކުރަށް ޖާގަދޭ ޖަމާއަތެއް ކަމަށްބުނެފައިވާތީއެވެ. ނަމަވެސް ސަލަފުން އެކަން ދޮގު ކުރެއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ސަލަފަށް ފިޔަވަޅު އަޅަން ނިންމީ މިއަދު ސަބް ކޮމެޓީއެއް އެކުލަވާލައި، އެކޮމެޓީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެކަނި އިންނަވައިގެން ތައްޔާރު ކުރެއްވި ރިޕޯޓް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ހުށަހެޅުމަށް ފަހުއެވެ. 

ސަބް ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ލިޔެ، އެކުލަވައިލީ ހަސަން ލަތީފެވެ. 

ސަބް ކޮމެޓީގައި ދެން ހިމެނިވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ނަމަވެސް ރިޕޯޓް ތައްޔާރުކޮށް ހަސަން ލަތީފް ސޮއިކުރެއްވި ނަމަވެސް ދެން ތިއްބެވި ދެ މެންބަރުން ސޮއެއް ނުކުރައްވައެވެ.  ހަސަން ލަތީފް ތައްޔާރު ކުރެއްވި ރިޕޯޓް ކޮމެޓީއަށް ފޮނުވީ ސަބް ކޮމެޓީން ފާސް ނުކޮށެވެ. 

ރިޕޯޓާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މިރޭ ވިދާޅުވީ، އެ ރިޕޯޓަކީ ސަބް ކޮމިޓީން ފާސްކޮށްގެން މައި ކޮމިޓީއަށް ހުށަހެޅި ރިޕޯޓެއް ނޫން ކަމަށެވެ. ރިޕޯޓު ތައްޔާރުކުރީ އުސޫލާއި ހިލާފަށް ކަމަސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އެރިޕޯޓު ކޮމެޓީން ފާސްކުރުމުން ދެން ހުށަހަޅާނީ މަޖިލީހަށެވެ. 

Advertisement

ކޮމެންޓް

Advertisement