Advertisement

ގާޒީ ހައިލަމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމައިފި

02 Dec 2019 | 00:23

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ގާޒީ ހައިލަމު ކުރައްވާފައިވާކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށެވެ.

ގާޒީ ހައިލަމުގެ މައްޗަށް ސާބިތުވެފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމާއި އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ގާޒީ ހައިލަމު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.

ގާޒީ ހައިލަމު މަގާމުން ވަކިކުރަން ނިންމާފައި މިވަނީ، ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިފައިވާ ޕޯސްޓެއް ވައިބާ ގްރޫޕަށް ލީ މައްސަލައިގައެވެ.

އެމައްސަލަ ހޫނުވި ފަހުން ގާޒީ ހައިލަމު ވަނީ އެ ޕޯސްޓްގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ސިފަވާ ގޮތަށް ހުރިކަން އެނގިނުލައްވާ ކަމަށް ވިދާޅުވެ، އެކަމަށް މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރެފައެވެ.

ހައިލަމްގެ އެ ބަޔާނަކީ މި މައްސަލައިގައި އޭނާގެ ބަސް ކަމަށް ބަލައި، ޖޭއެސްސީން ބުނެފައިވަނީ، ހައިލަމްގެ ސުލޫކީ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މައްސަލަ ރައްދުވާ ފަރާތް މަސައްކަތަށް ނުކުމެ އުޅުމަކީ މައްސަލައިގެ ޒާތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ ކަމަކަށް ވާތީ، 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހައިލަމަށް އަންގާފައިވާ ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރުމަށްފަހު މިދިޔަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ގާޒީ ހައިލަމު ވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ސަސްޕެންޑަކޮށްފައެވެ. 

Advertisement

ކޮމެންޓް