އަގީދާގެ ގޮތުން ދެކޮޅު މީހުންނާވެސް މުއާމަލާތުކުރަން ޖެހޭނީ އޯގާތެރިކޮށް: މުފްތީ މެންކް

15 Jan 2020 | 09:39

އަގީދާގެ ގޮތުން ދެކޮޅުވެރި މީހުންނާއި ވެސް އޯގާތެރިކަމާއި އިހުތިރާމާއެކު މުއާމަލާތު ކުރަންޖެހޭނެކަމަށް ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރުގެ ހާއްސަ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކް، މިފަދައިން ވިދާޅުވީ، ރޭ ކާނިވާ ސަރަހައްދުގައި ދެއްވި ހާއްސަ ދަރުސްގައި ވާހަކަދައްކަވަމުންނެވެ.

މުފްތީ ވިދާޅުވީ، އިސްލާމްދީނުގައި މުސްލިމުންނަށް އަބަދުވެސް ބާރު އަޅަނީ އެންމެންނަށް ވެސް އިހްތިރާމް ކުރުމާއި އޯގާތެރިކަމާ އެކު އަމަލު ކުރުމަށް ކަމަށެވެ. އެހެންވެ، އެކަމުން އެންމެން ވެސް މިސާލު ލިބިގަނެ، ޚިޔާލު ތަފާތުވާ މީހުންނާ މެދު ވެސް އިހްތިރާމާ އެކު، ރީތި ގޮތުގައި އަމަލު ކުރަންޖެހޭ ކަމަށް މުފްތީ ވިދާޅުވިއެވެ.

އަގީދާގެ ގޮތުން ދެކޮޅުވެރި މީހުންނާއި މެދު ދެކެންޖެހޭނީ، އަދާވާތްތެރިއެއްގެ ގޮތުގައި ނޫން ކަމަށާއި އެމީހަކާމެދު ދެކެންޖެހޭނީ، މުސްލިމުންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ކަމަށް މުފްތީ ވިދާޅުވިއެވެ.

''އެއީ އަގީދާގެ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއެކުގައި. މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ.'' މުފްތީ މެންކް ވިދާޅުވިއެވެ.

އިސްލާމްދީން ފެތުރިގެން ދިޔައީ ވެސް އެ އުސޫލުތައް ހިފަހައްޓައިގެން ކަމަށާއި ހަނގުރާމައިގެ މައިދާނުގައި ވެސް ރަސޫލާ ދެއްކެވީ އެފަދަ މިސާލުތަކެއް ކަމަށް މެންކް ވިދާޅުވި އެވެ.

އެގޮތުން މޫސާގެފާނާއި ހާރޫނުގެފާނަށް ވެސް މާތްﷲ އެންގެވީ ފިރުއައުނާ ބައްދަލުކޮށް މަޑުމައިތިރިމާއެކު ވާހަކަދެއްކުމަށް ކަމަށާއި މާތް ނަބިއްޔާގެ އަސްހާބުންނަށް ހަރުކަށި ގޮތް ބޭނުންކުރާ ކަމަށްވާނަމަ، އެބޭކަލުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށް މާތް ނަބިއްޔާއަށް މާތްﷲ އިރުޝާދުދެއްވި ކަމަށް މުފްތީ ވިދާޅުވިއެވެ.

މެންކް ވިދާޅުވި ގޮތުގައި، އެހެން މީހަކު ތިމާއާ މެދު ކިތަންމެ ގޯސްކޮށް އަމަލު ކުރިޔަސް، އެ މީހަކާ މެދު ދެކޮޅުވެރިވާކަށް ނުޖެހެ އެވެ. އަދި ދީނީ ހައްދުފަހަނައަޅާފައިވާ މީހުން އަމަލުކުރާ ގޮތަށް، އެ މީހުންގެ ގަބޫލު ކުރުންތައް ގަދަ ބާރުން އެހެން މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ އަމަލު ކުރަންޖެހޭ ގޮތް ނޫން ކަމަށް ވެސް މެންކް ވިދާޅުވި އެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މުފްތީ މެންކުގެ ދަރުހެއް މި ރޭ އައްޑޫ ސިޓީގައި އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށްވެސް ވަނީ ހަޖައްސާފައެވެ.

މީގެއިތުރުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން، ޔުނިވަރސިޓީތަކާއި ސްކޫލްތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް ހާއްސަ ފޯރަމެއް ބާއްވަންވެސް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ފޯރަމް ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8.15 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އަދި ފޯރަމުގައި ބައިވެރިން ގިނަވެއްޖެނަމަ ލޮބީ އާއި އިތުރު ސަރަހައްދުތައްވެސް ބޭނުން ކުރެވޭނެ ކަމަށް މި ނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް

Advertisement