އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި

25 Jan 2020 | 13:05

ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރަސްމީކޮށް ތައާރަފް ކޮށްދެއވައިފިއެވެެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވަނީ 18 ޖެނުއަރީ 2020ވަނަ ދުވަހުކޮށްފައެވެ.

އިންނަމާދޫއަކީ ގާތްގަނޑަކަށް 876 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަތް ހޯދަމުން އައީ އެއަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. މިއީ ލޯންޗްގައިނަމަ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އަދި އަތޮޅު ފެރީގައިނަމަ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ދަތުރެކެވެ.

ހެލްތް މިނިސްޓްރީން ބުނީ، އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ ލިބިގަންނަމުންދާ ހަތަރު ކުދިން ދިރިއުޅޭ ރަށެއް ކަމަށެވެ. އެހެންކަމުން އެރަށުގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުވެގެން ދިޔުމަކީ އެކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިގެން ދިޔުމުން، އެއަތޮޅު ރަސްމާދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް އިންނަމާދޫއަށް މިހިދުމަތް ހޯދުމަށް އަންނާނެކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރ. އިންނަމާދޫ ލެބޯޓަރީ އިމާރާތަކީ އިންނަމާދޫ ކައުންސިލްގެ ފަރާތުން ކުންފުނިތަކާއި ގުޅިގެން އިމާރާތްކޮށްފައިވާ ލެބޯޓަރީއެކެވެ.

މިލެބޯޓަރީން ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ޓެސްޓްތައް ހެދޭނެއެވެ.

ރ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ހިދުމަތް ލިބެނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، އަލިފުށި ،ދުވާފަރު، ހުޅުދުއްފަރު، އިނގުރައިދޫ، މަޑުއްވަރި، މީދޫ، އަދި ރަސްގެތީމް ސިއްހީ މަރުކަޒުންނެވެ.

Advertisement

ކޮމެންޓް