އުމަރު ނަސީރު މާރިޔާއަށް: ލޭގައި ގައުމީ ވިންދު ނުޖަހާނަމަ އިސްތިއުފާދެއްވާ

27 Jan 2020 | 14:10

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ނާރުތަކުގައި ހިނގާ ލޭގައި ގައުމީ ވިންދު ނުޖަހާ ކަމަށްވާނަމަ، އެކަމަނާ އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު މިފަދައިން ގޮވައިލެއްވީ، އަމިއްލައަށް ހެލިކޮޕްޓަރު ހިންގުމުގެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރިގްރާމްގައި ވާހަކަދައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ، ރާއްޖޭގައި އިންޑިއާގެ ބޭސް އެއް ހުންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، އިންޑިއާގެ ޕައިލެޓުން އޮޕަރޭޓުކުރާ ހެލިކޮޕްޓަރުގެ ސަބަބުން ކަމަށެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވަނީ، ހެލިކޮޕްޓަރުތައް ދުއްވާނެ ދިވެހި ޕައިލެޓުން އެމްއެންޑީއެފުގައި ތަމްރީނު ކުރެވިފައި އަދި ނެތް ކަމަށެވެ.

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވައި އުމަރު ނަސީރު، އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ، މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި "މަތިންދާ ބޯޓް ދުއްވާ ސެކްޝަން" ގެ ނަމުުގައި އެއާ ވިންގެއް އޮތް ކަމަށެވެ. އަދި ދިވެހި ސިފައިން މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދުއްވާ އެ ތަކެތި ބެލެހެއްޓި ކަމަށެވެ.

އުމަރު ވިދާޅުވީ އޭގެ އަހަރުތަކެއް ފަހުން އެންއެސްއެސްގެ އެއާ ވިންގް ގެ ނަމަށް ބަދަލުކޮށް، ދިވެހި ޕައިލެޓުންނާ އިންޖިނިއަރުންގެ އެހީތެރިކަމުގައި ދިވެހި ސިފައިން ގެންދިޔައީ ހެލްކޮޕްޓަރާއި، އެއާ ކްރާފްޓް ދުއްވަމުން ކަމަށެވެ.

އުމަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕޭން އޮޕަރޭޝަން ހިނގާ ގައުމެއްގެ އަމިއްލަ ސިފައިންނަށް ހެލްކޮޕްޓަރު ނުދުއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ މި ގައުމަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.

ހެލިކޮޕްޓަރު އާންމުކޮށް ބޭނުންކުރަނީ ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ.

Advertisement

ކޮމެންޓް