ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ފަރުވާދޭ ތަނަކަށް ހެދުމަށް ގޮވާލައިފި

28 Mar 2020 | 12:32

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ފަރުވާދޭ ފެންވަރުގެ ތަނަކަށް ހެދުމަށް ޕީޕީއެމްގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ލަތީފް މިފަދައިން ގޮވާލެއްވީ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

ލަތީފް ވިދާޅުވީ އެބޭފުޅާގެ ދުޢާއަކީ ކޮރޯނާ ވައިރަސް (ކޯވިޑް19) ގެ ނުރައްކަލުން ހުރިހާ ދިވެހިންނާއި ދިވެހިރާއްޖެ، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ސަލާމަތް ކުރެއްވުންކަމަށެވެ. މި ހައްސާސް ވަޤުތުގައި، ރާއްޖޭގެ ސިއްޙީ މަސައްކަތްތެރިން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތަށް ސާބަސް ރައްދުކުރައްވާ، އަދި އެ މަސައްކަތަށް މާތްﷲ ގެ ކާމިޔާބީއަށް އެދޭކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައިވެސް އައްޑޫގެ ރައްޔިތުން މިހާތަނަށް ދައްކަވާފައިވާ އެއްބައިވަންތަކަމުގެ ނަމޫނާއަކީ ފާހަގަކުރަންޖެހޭ ކަމެއް"، ލަތީފް ވިދާޅުވިއެވެ.

މިގޮތުން، ކޯވިޑް19 ގެ މި ނުރައްކާތެރި ދަނޑިވަޅުގައި އައްޑޫގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތައް އެބަހުރިކަމަށް އެބޭފުޅާ ފާާހަގަކުރެއްވިއެވެ.

އެގޮތުން ލަތީފް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކޯވިޑް19 އަށް ފަރުވާދޭ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގޮވާާލައްވާފައެވެ.

މިކަން ތަފްސީލްކޮށްދެއްވަމުން ލަތީފް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދެމުންގެންދާ ހުރިހާ ޚިދުމަތެއް ވަގުތުން، އިކުއޭޓަރ ހޮސްޕިޓަލަށް ބަދަލުކޮށް، އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ކޯވިޑް19 އަށް ފަރުވާދެވޭ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ޤާއިމްކޮށް، ފަރުވާދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް އެތަނުގައި ޤާއިމްކުރެވިދާނެ ކަަމަށެވެ.

އަދި ކޯވިޑް19 އަށް ޓެސްޓްކުރެވޭނެ ކިޓާއި، ވެންޓިލޭޓަރާއި، ބޭހާއި ސިއްޙީ މަސައްކަތްތެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންވާނެ އެންމެހާ ތަކެތި ބޭނުންވާ މިންވަރަށް ހަމަކުރުމަށް ލަތީފް ވަނީ ގޮވާލައްވާާފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މާލެއާއި އައްޑޫއާއި ޓެލެމެޑިސިންގ އިން ގުޅާލުމަށް ބޭނުންވާ ވަސީލަތާއި ތަކެތި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރެވިދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް