ދުނިޔޭގެ ހުރިހައި ގައުމެއްގެ މީހުން ފޭސް މާސްކު އަޅައިފި! އެކަމަކު އަހަރެމެންގެ ރާއްޖެ؟؟

17 Apr 2020 | 14:57

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފެތުރެންފެށުމާއެކު ޗައިނާ ސަރުކާރުން ފުރަތަމަ ކުރި ކަމަކީ އެގައުމުގެ ރައްޔިތުން މާސްކު އަޅުވައި ލޮކްޑައުންއަކަށް ދިއުމެވެ. އޭޝިޔާގެ ވަރަށް ގިނަ ގައުމުތަކުގައި ސަރުކާރުތަކުން މީހުންގެ މޫނުމަތިނިވާކުރާ ފޭސްމާސްކު އެޅުމަށް ބާރުއަޅައި ޖަޕާނާއި ކޮރެޔާއާއި ސިންގަޕޫރާއި މެލޭޝިޔާފަދަ ގައުމުތަކުގައި މާސްކް އެއީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެއްކަން މީހުންނަށް ވިސްނުވައިދިންއިރު ޔޫރަޕްގައި އެއީ އާދަކާދައިގެ ގޮތުންވެސް ވަރަށް އުނދަގޫކަމަކަށްވިއެވެ. 

ޔޫރަޕާއި އެމެރިކާގެ ވެރިންނަށް ހަމަހޭވެރިކަންވީ ލޮލަށް ނުފެންނަ ކޮރޯނާވައިރަސްގެ ވަރުގަދަ ލަޝްކަރުތައް ޔޫރަޕްގެ ފާރުތައް ފޫއަޅުވާލައި އެގައުމުތަކުގެ އެންމެ ފުނަށްވަދެ ފަތަހަކުރިފަހުންނެވެ. އެމެރިކާގެ ނިއުކްލިއަރ އަސްކަރީ މަނަވަރުތަކަށްދަންދެން ނޮވެލްކޮރޯނާ ވައިރަސްއަރައި ކަނޑިބަޑިން ހަގުރާމަކުރުމެއްނެތި މަނަވަރުތަކުގެ ކޮންޓްރޯލް އަތުލީފަހުނެވެ. އޭގެކުރިން މުސްލިމް އަންހެނުން މޫނު ނިވާކުރަން އަޅާ މޫނުބުރިގާއާހެދި ފޭސްމާސްކުއެޅުންއެއީ ޔޫރަޕްގެ މީހުންނަށް އޮޑު ކަމަކަށްވުމުން ޑަބްލިޔު އެޗް އޯއިންވެސް އެކަމަށް މާބޮޑު ބާރެއް ނާޅައެވެ.

އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި ފޭސް މާސްކު އެޅުމުގެ ކަންކަމުގައި އަމަލުކުރަމުންދަނީ ޑަބްލިޔުއެޗްއޯއިން ދޭ އިރުޝާދުތައްކަމަށް ބުނެއެވެ. އެހެންވީމާ މާސްކު އެޅުމަކީ ކޮންމެހެން މާބޮޑު އަދި މުހިއްމުކަންދޭންވީކަމެއްކަމަށް އާއްމުންނަކަށް ނުވިސްނުނެއެވެ. އެއަރޕޯޓްގައި ފަތުރުވެރިންނާ ބައްދަލުކުރަންޖެހޭ ރެޕުންނާއި ރިސޯޓްތަކުގެ މުވައްޒަފުންނާއި އަދި ޓޫރިސްޓުން ރިސޯޓްތަކަށް ދިއުމުން އެމީހުންނާއެކު ގާތްކޮށް އުޅެންޖެހުނު ރިސޯޓް މުވައްޒަފުންނަށްވެސް މާސްކު އެޅުމަކީ މާ މުހިއްމުކަމަކަށް ނުވިއެވެ. އިޓަލީގައި ކުޅޭ މަޝްހޫރު ފުޓްބޯޅަކުޅުންތެރިއެއްކަމަށްވާ ފިލޭނީ ރާއްޖެއިން ފުރިފަހުން ކޮވިޑް ބައްޔަށް ޕޮޒިޓިވް ވިއެވެ. މިއަދު އަޅުގަނޑުމެންނަށް މިޖެހުނު އެންމެ ބޮޑު ބަލާމުސީބާތަކީ އޭނާއާއި ސަލާންގަލާންކޮށް ފޮޓޯނެގި މީހުން ސިއްރުވެގަނެގެން ގޭގެއަށްގޮސް އަމިއްލަ ދަރިންނާ މައިންބަފައިންނަށް ބެލުމެއް ނެތި އުޅެން ދިމާކުރުމުގެ ނަތީޖާކަމުގައި ވެދާނެއެވެ. އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައި އޮތީތޯއެވެ. ބަލިފެތުރުމާ އެއަރޕޯޓްރެޕެއްގެވާހަކަ މީސް މީޑިއާގައި ދެކެވެމުންދާތީ ހިތަށް އައި އެއްޗެކެވެ.

ދުނިޔޭގައި ކޮވިޑް ބަލިމަޑުކަން ފެތުރެންފެށުމާއެކު އަޅުގަނޑުމެންގެ ރާއްޖޭގައި ސަރުކާރުން ވަރަށް ހަރުދަނާ ދިޔަވަޅުތަކެއް އަޅަމުންދިޔައެވެ. ގައުމުތަކުގެ ފަތުރުވެރިން ގެނައުން ހުއްޓުވައި ފަތުރުވެރިން މާލެއާއި މީހުން އުޅޭ ރަށްރަށަށް އެރުން މަނާކޮށް ޓެސްޓްކުރަންފެށުމާއި މީހުން ކަރަންޓީނުކުރުންފަދަ ފިޔަވަޅުތަކުން މިބަލި ރާއްޖެއެތެރެވުން އެތައްތަނަކުން މަޑުޖައްސުވައިލެވުނެވެ. އެކަމަކު ދުވާލުގެ އިރުފަދައިން އެގޭކަމަކީ ނޮވެލް ކޮރޯނާވައިރަސް މަތިންދާބޯޓްތަކުން ދަތުރުކޮށްފައި އައިސް ރާއްޖޭގެ މައިގޭޓުން ކޮންމެވެސް ވަގުތަކުން ވަންނާނެކަމެވެ. އެކަމަކު ހިތާމައަކީ ގައުމުތަކުން މިއަދު އަޅާފއިވާކަމަށް އަޅުގަނޑުމެންނަށް ފެންނަމުންދާ އެންމެ މުހިއްމު ފިޔަވަޅު ދިވެހި ރާއްޖޭން ނާޅައި ޑަބްލިޔުއެޗްއޯގެ ގައިޑްލައިނެއްގައި ތިބެން ދިމާކުރުމެވެ.

އަވަށްޓެރި އިންޑިޔާއަށް ބައްލަވާށެވެ. ފޭސްމާސްކު ނުލިބިއްޖެނަމަ އަމިއްލައަށް ފޮތިކޮޅަކުންވެސް ނޭފަތާއި އަނގަ ނިވާކުރަން އެގައުމުގެ ރައްޔިތުންނަށް އަންގަމުންދަނީއެވެ. ސިންގަޕޫރުގައި މަގުމައްޗަށް ނުކުންނައިރު ފޭސްމާސްކު އެޅުމަކީ މަޖްބޫރުކަމެކެވެ. ނާޅައި ނުކުމެއްޖެނަމަ 300 ސިންގަޕޫރު ޑޮލަރުން ޖުރުމަނާކުރެއެވެ. ޗައިނާއާއި ޖަޕާނާއި ދެކުނުކޮރެޔާގެ ވެރިން ފޭސްމާސްކު އަޅުއްވައިގެން ރައްޔިތުންނަށް ނަމޫނާ ދައްކަވަންފެށުމުން އެގައުމުތަކުގެ މަގުތައްމަތީގައި ހިގާބިނގާވެ އުޅޭމީހުންނަށް މާސްކު އެއީ އަގެއް ހުރިއެއްޗަކަށްވިއެވެ. އޭޝިޔާގައި މިބަލިމަޑުކަން މަޑުޖެހިފައި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ފޭސްމާސްކާއި ރައްޔިތުންގެ ޑިސިޕްލިންއެވެ. މޫނު ނިވާކުރުމަށް މަލާމާތްކުރަމުންދިޔަ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންވެސް ފޭސްމާސްކަށް އެނބުރިއްޖެއެވެ. އަޅުގަނޑުމެންގެ ރާއްޖެ ފިޔަވައެވެ.

މިއަދު އަޅުގަނޑުމެންގެތެރެއަށް ކޮވިޑް ބަލިމަޑުކަން ފެތުރިގެންދިޔުމުން ގައިކޮޅުގައިގާދުރުވުމަށް މީހުން ހުރުމަތްތެރިކޮށް ނުހިތީއޭ މަގުމައްޗަށް ނުކުތީއޭ މަސްދަތުރުދިޔައީ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވީއޭ ބުނެ މީސްތަކުން ބްލޭމްކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ދޫކޮށްލެވުނު ފޭސްމާސްކު އެޅުމުގެ މުހިއްމު ފިޔަވަޅުގެ މަތިން ހަނދާންކުރާކަށް ބޭނުމެއް ނުވެއެވެ. ފޭސް މާސްކު އަޅައިގެން ދެން އަމަލުކުރަން އެންގެވި އިރުޝާދުތަކަށް މީހުން އުޅެންޖެހުނުނަމަ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު އެތައް ގުނައެއް ކުޑަކޮށްލަދެވުނީހެވެ. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. ދުނިޔެގެ ގައުމުތަކުން އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކެވެ. ލިބޭ ފިލާވަޅުތަކެވެ. އަމަލުކުރި ގޮތްތަކެވެ.

ގެއިން ބޭރަށް މީހުން ނުނުކުމެވޭގޮތަށް ގޭބަންދުކުރުމަކީ ހައްލެއްނޫންކަން ކޮވިޑްބަލިމަޑުކަން މެނޭޖްކުރި ޖަޕާނާއި ކޮރެޔާއާއި ސިންގަޕޫރާއި ޑެންމާކާއި އަޔަލެންޑާއި ޗައިނާއިން ފެނިގެންދެއެވެ. ދެކުނުކޮރެޔާގައި ބޮޑު އިންތިޚާބެއްވެސް އެބާއްވަނީއެވެ.

24 ގަޑިއިރު މީހުންގޭބަންދުކުރިއިރު އާއިލާތަކުގެ ޟަރޫރީބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެވޭނެ ނިޒާމެއް ނެތެވެ. މާލޭ ސިޓީ ކައުންސިލަކީ ފޭލްވެފައި އޮތްތަނެއްކަން އެތަނުގައި މިހާރު ތިއްބެވި ވެރިން ނިސްބަތްވާ ޕާޓީގެ އެތެރޭގެ އިންތިޚާބުން އެގިގެންދެއެވެ. އަނގައެއް އޮތީމާ ޓީވީއަށް އަރައި ރީތިކޮށް ވާހަކަދެއްކިދާނެއެވެ. ހަކުރުބައްޔަށް ބޭސްކުރަމުންދާ ބަލިމީހަކު ބުނިގޮތުން އެނާގެ ބޭސްހުސްވާތީ އާސަންދައިގެ ދަށުން ބޭސްހޯދަން އެދުމުން ދެދުވަސްވެގެންދިޔައިރުވެސް ޚަބަރެއް ނުވިއެވެ. އެންމެފަހުން ގުޅުމުން އެގުނީ އޭނާއާއި ޖެހެން އަދި 300 ވަރަކަށް މީހުންގެ ކިއުއެއް އޮތްކަމެވެ. މިއީ މީހުންގެ ފުރާނައާގުޅިފައި ހުރިކަންކަމެވެ. މާލެއަކީ ކިތަންމެ ކުޑަތަނަކަށްވިޔަސް މާލެހިންގަން އޮތް ނިޒާމު ފޭލްވެފައި އޮތުމުން ސަރުކާރުން މީހުން ގޭބަންދުކުރުމުގައި ކޮންމެވެސް މަގުތަކެއް ދައްކައިދޭން ޖެހެއެވެ. އަޅުގަނޑުމެންނަށް ފެންނަ އެހެން ގައުމުތަކުގައި ލޮކްޑައުން ކޮށްފައި އޮތަސް މާސްކުއަޅައިގެން ފިހާރަދޮށުގައި ތިންފޫޓްގެ ދުރުމިނެއް ބަހައްޓައިގެން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގަނެވޭނެ ގޮތް ހަދައިދީފައި ހުރެއެވެ. ސިފައިންނާ ފުލުހުން ނެރެގެން އެކިޔުތައް ބެލެހެއްޓިދާނެ ނޫންތޯއެވެ. ފިނިބުރުޖަހަން ނުކުންނަ މީހާ އިންޑިޔާގައި މަގުމަތި ބަލަހައްޓާ ސިފައިން ދަނޑިބުރިންތަޅައި ރޯނާގަންނުވައެވެ. ސިންގަޕޫރުގައި ޖުރުމަނާކުރަނީއެވެ. ސައޫދީ އަރަބިއްޔާގައިވެސް ހިފަހައްޓައި ޖުރުމަނާކުރެއެވެ. ތަކުރާރުކޮށްފިނަމަ ޖުރުމަނާ ބޮޑުކުރެއެވެ. ބައެއް ގައުމުތަކުގައި ޖަލަށްވެސް ލައެވެ. ފިލިޕީންސްކަހަލަ ގުންޑާވެރިންތިބޭ ގައުމުތަކުގައި މީހުންގެ ގަޔަށް ބަޑިޖަހައެވެ.

އަޅުގަނޑުމެންނާ އަރައި މިހަމަކުރީ ބަރަކާތްތެރި ރަމަޟާން މަހެވެ. ހަވަރު ތިނަދޫން ކާޑު ހުސްވެއްޖެކަމަށް އިވެއެވެ. ބޯޓްތައް މާލޭ ބަނދަރުގައެވެ. މީހުންގެ ގޭގައި ކާބޯތަކެތި ޖަމާކުރެވެން ނުހުރެއެވެ. ޚާއްސަކޮށް ލައިގެންކާނެ އެއްޗެހި ހަދަންބޭނުންވާ މަސް ގިނަ އަދަދަކަށް ސްޓޯކުރެވެން ނުހުރެއެވެ. އެހެންވީމާ ސަރުކާރުން ވިސްނަން އެބަޖެހެއެވެ. ކޮންޓެކްޓް ޓެރޭސިންއަކީ މިބައްޔަށް ވެކްސިނެއް ނުލިބެނީސް ދެން ދުވަހަކުވެސް ހުއްޓޭނެކަމެއްކަމަކަށް ނުވެއެވެ. 

Advertisement

ކޮމެންޓް