Advertisement

ވަކި ގައުމެއްގެ ރުހުން ހޯއްދަވަން ހައްދަވައިގެން ރައީސް ނަޝީދަށް ގެއްލި ވަޑައިގަންނަވަނީ ރައްޔިތުންގެ ރުހުން؟

07 May 2020 | 15:38

ޗައިނާއިން ދިވެހިރާއްޖެ ފޮނުވި އެހީގެ ދެވަނަ ޝިޕްމަންޓް ރާއްޖެއަށް އައިތާ މާގިނަ އިރުތަކެއް ނުވަނީސް ފެނުނީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރެއްވެވި ޝުކުރުގެ ޓުވީޓެކެވެ. ޗައިނާއިން މިފަހަރު ރާއްޖެއަށް ފޮނުވި އެހީގެ ތެރޭގައި 200,000 އަށް ވުރެ ގިނަ މާސްކާއި، 10 ވެންޓިލޭޓަރާއި، 10،000 ޓެސްޓިން ކިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެއެވެ. މި ހަބަރު ޗައިނާ ސަފީރު އަދި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަ ކުރަމުން ގެންދަވަނިކޮށް ނަޝީދު ކުރެއްވެވި ޓުވީޓުގައި ވިދާޅުވީ ރާއްޖެއަށް ކަނޑައަޅުއްވަވާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރަށް ފޯނުން ގުޅުއްވެވި ވާހަކައެވެ. ނަޝީދު ވިދާޅުވީ އިންޑިއާ އިން ދެއްވި އަދި ދެއްވަވަން ކަނޑައަޅާފައި އެހީ ތަކެއްގެ ވާހަކައެވެ. އެކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް ޝުކުރުވެސް އަދާ ކުރެއްވެވިއެވެ.

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ބަޔަކަށް އަބަދުވެސް ޝުކުރުވެރިވާންވާނެއެވެ. ދިވެހީންނަކީ މިކަމުގައި ލާމަސީލު ބަޔެކޭ ދެންނެވުން ދޮގަކަށްވެސް ނުވާނެއެވެ. އެހެނަސް ގިނަ ބަޔަކު ކުރި ސުވާލަކީ ޗައިނާގެ އެހީ ރާއްޖެއަށް އައިތާ ސައުވީސް ގަޑިއިރު ނުވަނީސް މަޖިލިސް ރައީސް އިންޑިއާގެ ސަނާ ޓުވިޓާއާއި ފޭސްބުކް ގައި އާ ކުރެއްވެވީ ކީއްވެތޯއެވެ. ނުވަތަ އާ ކުރައްވަވަން ޖެހިވަޑައިގަތީ ކީއްވެތޯއެވެ. އަދި ހާއްސަކޮށް ޗައިނާއިން ފޮނުވި އެހީގެ ވާހަކަ ދައްކަވާވެސް ނުލައްވަވައި، ދެނެހުރި ކަމެއްނޫންކަމަށް ހައްދަވައިގެން ހުންނަވައި، އިންޑިއާގެ ޒިކުރުތައް އާ ކުރެއްވެވީ ކީއްވެ ތޯއެވެ. ނުވަތަ އާ ކުރައްވަވަން ޖެހިވަޑައިގަތީ ކީއްވެތޯއެވެ.

މިސުވާލުތައް ހިތައް އެރި ބައެއްގެ ހިތްތަކަށް ނާރަންވީ ސަބަބެއްވެސް ނެތެވެ. ލޮކްޑައުންގެ މިދުވަސްކޮޅު އެންމެންވެސް އެންމެ ގިނަ ވަގުތު ހޭދަ ކުރަނީ މީސްމީޑިއާގައިއެވެ. ރައީސް ނަޝީދު މީގެ ކުރިން ކުރެއްވެވި ޝުކުރުގެ ސަނާ ނުދެކޭ ، ނުކިޔާ ބަޔަކު ނެތެވެ. އެއީ މިދިޔަ މަހު 29 ވަނަ ދުވަހު އެމަނިކުފާނު ކުރެއްވެވި ޓުވީޓެކެވެ. އަދި ފޭސްބުކް ޕޮތުގައި ލިޔުއްވެވި ސްޓޭޓަސް އެކެވެ. އެމް.ޕީ.އެލް ސަރަހައްދަށް ގާތްކޮށްފައި އޮތް އާގު ބޯޓަކުން ދެ ޓަނު ޕިކަަަޕަކަށް ދެ ޖަމްބޯ ބޭގުގެ ކާޑު ތިރިކުަރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯ އަކާއިއެކު ފަރަންޖީބަހުން ނަޝީދު ލިޔުއްވެވީ " ދަތި އުދަގޫ މި ވަގުތުގައި މުހިއްމު ކާބޯތަކެތި ރާއްޖެއަށް ފޮނުއްވަވައި ދެއްވި ކަމަށްޓަކައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" މިހެންނެވެ.

ކޮރޯނާގެ ސީރިއަސްކަމާއި ބިރުވެރިކަން ގެއްލޭގޮތަށް، އަދި އޮޅުން އަރާގޮތަށް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ފާޑު ކިޔުން އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށް ދެން އައީ މި ކަމެކެވެ. މިކަމުގައި މައްސަލައަކަށްވީ ގައުމަކަށް ޝުކުރު އަދާކުރުމެއް ނޫނެވެ. މައްސަލައަކަށްވީ "އޮޅުވާލެއްވުން" ނުވަތަ "އޮޅުންއަރާގޮތަށް" ބަސްމަގު ބައްޓަން ކުރުމެވެ. ނުރުހުނު ބަޔަކު ރައީސް ނަޝީދު ދެކެ ނުރުހުނީ އެހެންވެއެވެ. އިންޑިއާއިން "ފޮނުއްވެވި" ކާޑުގެ ބާވަތަށް ނަޝީދު ޝުކުރު އަދާ ކުރެއްވެވި ނަމަވެސް އެއީ އިންޑިއާއިން ދެއްވެވި އެއްޗެއްނޫނެވެ. އެއީ އެސް.ޓީ.އޯ އިން، ދިވެހިން ރައްޔިތުންގެ ތިޖޫރީގައި ހުރި ލާރިން ހަރަދު ކޮށްގެން، ގަނެގެން، އަދި އަމިއްލަ ހަރަދުގައި ދިވެހި ދައުލަތުން ރާއްޖެ ގެނައި ކާޑު ތަކެކެވެ.

އެ ހަގީގަތް އެހެން އޮތްކަމަކު، އެ ހަގީގަތް އެއްފަރާތް ކޮށްލައްވަވާފައި، އިންޑިއާއިން އެހެން ވިދާޅުނުވި ކަމުގައިވިޔަސް، ރައީސް ނަޝީދު އަމިއްލަފުޅަށް އިންޑިއާއިން ދެއްވި ހަދިޔާއެއް ކަމަށް ދޭހަވާ މޭރުމަކުން ބަސްތައް އަމުނައި ގަތައިލި ޝުކުރާއި ސަނާގެ ހާރުން އެމަނިކުފާނަށް ލިބިވަޑައިގަތީ ވަރަށް ގިނަ ބައެއްގެ ނުރުހުމެވެ. ވާނުވާ ދަންނަ މީހުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވީ ވާނުވާ އޮޅުވައިލައްވަވަން އުޅުއްވާހެން އިހްސާސް ވީމައިއެވެ. އެއާއިއެކު އަނެއްކާވެސް އެތައްބައެއްގެ ހިތަށްވެރިވީ ހަމަ ކުރީގެ ސުވާލުތަކެވެ. ވީގޮތް އޮޅުވާލައްވަވައިގެންވެސް ރައީސް ނަޝީދު ވަކި ގައުމަކަށް ނަސާ ކިޔޭތޯ މާވަރަކަށް މަސައްކަތް މި ކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ކުރައްވަވަން ޖެހިވަޑައިމިގަންނަވަނީ ކީއްވެހެއްޔެވެ؟ އެކަމުން ޗައިނާއަށް "ޖެއްސުން" ކުރެއްވެވެނީ ކަމަށް ގަބޫލުފުު ކުރައްވަނީ ތޯއެވެ. އެކަމުގެ ސަބަބުން ވަކި ބައެއްގެ މާ ބޮޑު ރުހުމެއް ލިބިދާނެކަމަށް ގަބޫލުފުޅު ކުރައްވަވަނީ ހެއްޔެވެ.

ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޗައިނާ އާއި ބެހޭ ގޮތުން މި މޭރުމުން ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅެކެވެ. ޗައިނާ އާއި ބެހޭގޮތުން އެމަނިކުފާނު ހެއްދެވި އިތުރުޕުޅުތަކުގެ މުޅި ލިސްޓު ތަންކޮޅެއް ދިގެވެ. އެހެން ނަމަވެސް ބައެއް އުސްއަލިތައް ހަނދާނަށް ގެންނަމާތޯއެވެ.

ޗައިނާގެ "ލޭންޑް ގްރެބިން" ޅެން މިއީ ރައީސް ނަޝީދު އެކިއެކި ގައުމުތަކުގައި، އެކިއެކި ބައްދަލުވުންތަކުގައި އަދި އެކިއެކި ނޫސް މަޖައްލާތަކަށް ދެއްވި އިންޓަވިއު ތަކުގައި ގިނަ ގިނައިން ވިދާޅުވެލެއްވެވި ޅެމެކެވެ. އެއީ ޗައިނާއިން އުޅެނީ ރާއްޖޭގެ ބިން ފޭރިގަންނާށޭ، ގައުމުގެ މިނިވަންކަން ނިގުޅައިގަންނާށޭ، ގައުމެއްވާ ނެތޭ، ގަނެ ހުސްކޮށްފިޔޭ، މިޒާތުގެ ރާގަކަށް ވިދާޅުވެލެއްވެވި ޅެމެކެވެ. މީގެ އިތުރުން ޗައިނާގެ އަސްކަރިއްޔާއިން ރާއްޖޭގައި އެތަކެއް ރަށެއްގައި އަސްކަރީ މަރުކަޒުތައް އަޅަމުންދާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވވިއެވެ. ބުނި ބަޔަކު އޭރު އަޅުގަނޑު ގާތުގައި ބުނީ، އެއީ ރާއްޖޭގައި އޮޕޮޒިޝަންގެ ގޮތުގައި އޮންނަ އިރު "ކުޅެންޖެހޭ ކުޅިވަރު ތަކެއް" ކަމަށެވެ.

ކޮންމެ އަކަސް ޔާމީނުގެ ވެރިކަން ބަދަލުވިއެވެ. ސިޔާސީ މަސްރަހު ބަދަލުވެ އެއް.ޑީ.ޕީ ހިމެނޭ ކޯލިޝަން ވެރިކަމަށް އައިއެވެ. އަދި ނަޝީދަށް މަޖިލީސް ރައީސްކަންވެސް ލިބިއްޖެއެވެ. އެހެނަސް ރައީސް ނަޝީދުގެ އެ "ކުޅިވަރު" ބަދަލެއް ނުވިއެވެ. ޖަލްސާ ތަކާއި މީސްމީޑިއާގައި ދިވެހިރާއްޖެއިން ޗައިނާއިން ނަގަފައިވާ ލޯނު ތަކުގެ އަދަދާއި ބެހޭ ގޮތުން އިތުރުފުޅު ހައްދަވަމުން ގެންދެވިއެވެ. ސޯޝަލް ހައުސިން 7000 ޔުނިޓާއި ބެހޭ ގޮތުން ހަގީގަތް އޮޅުއްވަވައި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. މަޖިލިސް ރައީސް ކަމުގައި ހުރެ ޗައިނާ އާއި ބެހޭ ގޮތުން ހެއްދެވިހައި އިތުފުޅެއްގެ ޕްރެޝާ އާއި ކުރިމަތިލާން ޖެހުނީ ދިވެހި ސަރުކާރެވެ. ނަޝީދުވެސް އެ ޕާޓީއަކަށް ނިސްބަތްވާ އެމް.ޑީ.ޕީ ގެ ސަރުކާރެވެ. އެހެން ކަމުން އެހުރިހާ ކަމެއް، އެ ހުރިހާ އިތުރުފުޅެއް، އެހުރިހާ "ކުޅިވަރެއް" ރައީސް ނަޝީދު ކުޅުއްވަމުން ގެންދެވީ ކާކު ނުރުހިދާނެތީ ނުވަތަ ކާކުގެ ރުހުން ލީބޭތޯ ބާވައޭ ސުވާލު ކުރިބަޔަކު ސުވާލު ކުރުއިއެވެ. އެކަމުން ލިބިވަޑައިގަތީ ކާކުގެ ރުހުންކަން ޔަގީންކޮށް ދަންނަވަން ދައްޗެވެ. އެހެނަސް ސަރުކާރާއި އާއްމު އެތަކެއް ދިވެހީނެއްގެ ނުރުހުން ލިބިވަޑައިގަތްްކަން ކަޝަވަރެވެ.

މިއަދު ގައުމާއި ދުނިޔޭގެ ހާލަތު މިއޮތީ އަދި މާ ނާޒުކު ފައްތަރެއްގައިއެވެ. ރައީސް ނަޝީދު ހީފުޅު ކުރެއްވެވި އަދި ވިދާޅުވެ ލެއްވެވި ގޮތާއި ހިލާފަށް ކޮވިޑް-19 ވައިރަސް މިވަނީ ދިވެހި ރާއްޖެ އަދި މުޅި ދުނިޔެވެސް ހުއްޓުމަކަށް ގެނެސްފައިއެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ބެހޭ ގޮތުންވެސް ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވެލެއްވެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅު ތަކެކެވެ. ލޮކްޑައުން އާއި އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ. ކައުންސިލް އިންތިހާބު ވޯޓު ބާއްވަވަން އުޅުއްވެވިއެވެ. ވައިރަސް އިމްޕޯޓު ވިޔަދިނުން ހުއްޓުވަން ރާއްޖޭގެ ބޯޑަރު ބަންދުކުރަން އުޅުނު އުޅުން ވިޔަނުދީ ހިފަހައްޓަމުން ގެންދެވިއެވެ. ހުން އައިސްދާނެ ކަމަށް ރަޖާ ލެއްވެވުމަކީ ކުރަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެެ. ބުނާ ބަޔަކު ބުނަނީ އޭރު އެމަނިކުފާނު އެކަންތަކާއި ދެކޮޅު ހެއްދެވީ ހަމަ ވަކި ގައުމަކަށްޓަކައި ކަމަށެވެ. އެ ގައުމު ލޮކްޑައުން ނުކުރެވެ. ވިމާ މިގައުމު ކުރާނެ ކަމެއް ނެތެވެ. އެ ގައުމުގެ ބޯޑަރު ބަންދު ނުކުރެއެވެ. ވީމާ މިގައުމު ކުރާނެ ކަމެއް ނެތެވެ. މި ވިސްނުމުގައި ހުންނަވައިގެން ބަހާއި އަމަލުން އެކަން ދައްކަވަމުން ގެންދަވަނިކޮށް މިހާރު މިއޮތީ ޓޫރިޒަމް މިނސްޓަރު ވިދާޅުވި "ވާސްޓް ކޭސް" އައިސްފައިއެވެ. ކޮވިޑް ހުމަކީ އެ ހުން ޖެހުމުގެ ކުރިން، އެހުން ޖެހިދާނެ ކަމަށް ރަޖާ އަޅަން ޖެހޭވަރުގެ ހުމެއްކަން މިހާރު ރައީސް ނަޝީދުވެސް ގަބޫލުފުޅު ކުރައްވަވާނެކަން ޔަގީނެވެ.

ދުނިޔެ އާއި ގައުމު މިއޮތީ ހުއްޓިފައިއެވެ. ރާއްޖޭގެ އިގްތިސޯދުގެ މައި ލޭނާރުން ލޭ ދައުރު ކުރުން މިވަނީ ހުއްޓިފައިއެވެ. އިގްތިސޯދުގެ އެކި ދިމަދިމާލުން ލޯވަޅު ހެދި ފަޅަފަޅައިގެން ދާ މި ދަނޑިވަޅުފައި ދިވެހި ސަރުކާރަށް އަދި ހަމައެކަނި އިގްތިސޯދަށް ފޯކަސް ކުރެވޭކަށްވެސް ނެތެވެ. ސަބަބަކީ ކޮވިޑް-19 މާލެ ތެރޭގައި ބާރު މިނުގައި ފެތުރެމުން ދާތީއެވެ. އިގްތިސޯދުގެ މައި ލޭނާރުން ލޭ ދައުރުކުރުން ބަންދުވީ އެކަންޏެއް ނޫނެވެ. ގައުމުގެ ރައްޔިތުންގެ ފުރާނަވެސް ނުރައްކަލަށް ހުށައެޅުނީއެވެ. ގައުމު ކުރިމަތިލާން ޖެހިފައި އޮތް މި ދެ ޗެލެންޖަށް ބަލައިލާއިރު އެއްކޮޅުން ކޮވިޑާއި ހަގުރާމަކުރުމުގެ އެންމެ ބޮޑު ތަޖުރިބާއެއް ލިބިފައިތިބި ބަޔަކަށް ދުނިޔޭގައި މިވަގުތު ތިބީ ޗައިނާ މީހުންނެވެ. އަނެއްކޮޅުން އިގްތިސޯދީ އަދި މާލީ އެހީތެރިން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ގާބިލު ކަމެއް އޮތް ބަޔަކަށް މިވަގުތު ތިބީވެސް ހަމަ ޗައިނާ މީހުންނެވެ. މިއީ ކަން އޮތްގޮތެވެ. މީހަކު އެކަމާއި ނުރުހުނަސް އަދި ހިތައިނުވިޔަސް ބަދަލުވެވެން ނެތް ހަގީގަތެކެވެ.

ކަން މިހެން އޮތްއިރު، ދިވެހި ސަރުކާރު ކުރިމަތިލާން މަޖުބޫރުވެފައި މިއޮތް ދަތި އުދަގޫ ހާލަތުން އަރައިގަންނަން އެންމެންގެ އެހިތެރިކަން ބޭނުންވާނެއެވެ. އޭގެ ތެރެއިން ޗައިނާގެ އެހިތެރިކަންވެސް ނިހާޔަތަށް ބޭނުންވާނެއެވެ. އެއީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތާއި، އިގްތިސޯދު ކޮޅަށް ޖަހަން ކުރަންޖެހޭ މަސައްކަތުގައިވެސް މެއެވެ. މިދަނޑިވަޅުގައި ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުމުގެ ބޭހުން އެންމެ ފުރިހަމަޔަށް ހިފަންޖެހެއެވެ.

ސިޔާސީ ކަންތައް ދިރާސާ ކުރާ ބައެއް މީހުން ވިދާޅުވަނީ މިފަދަ ބަނަ ދުވަސްތަކަކާއި ރާއްޖެ ކުރިމަތިލާން ޖެހުނު ވަގުތު ގައުމުގެ ހާރިޖީ ވުޒާރާގެ އިސްވެރިއަކަށް ވަޒީރު ޝާހިދު ފަދަ ތަޖުރިބާކާރު ބޭފުޅަކު ހުންނެވުމަކީ ނަސީބެކެވެ. އެހެނަސް ހަމަ އެފަދަ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ދަނޑިވަޅުގައި މަޖިލީސް ރައީސް ނަޝީދު ކުރައްވަވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންތައްތަކެވެ. ހާރިޖީ ވަޒީރާއި ސަރުކާރުގެ މަގު ޗާޓަށްވެސް ބުރޫ އަރާ ފަދަ އަމަލު ތަކެވެ. މިއަދުގެ ސަރުކަާރު ވެރިކަމަށް އައީ ހުރިހާ ގައުމަކާއި އެކު ހަމަހަމަ ގޮތެއްގައި އެކުވެރިކަން ގާއިމު ކުރުމަށް ގޮވައިލަމުން، އެކަން ކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ފެންނަ ފެނުމަށް މަޖިލިސް ރައީސް ވެގެން މިދަނީ މިކަމަށްވެސް އޮތް ހުރަހަކަށެވެ.

ކޮވިޑް-19 ރާއްޖެއަށް އައުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ޗައިނާ އާއި ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރި އެއްބަސްވުމާއި ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. މިހާލަތުގައި ރާއްޖޭގެ އިގްތިސޯދަށް ބޭނުންވަނީ އެފަދަ އެފް.ޓީ.އޭ އެއްކަމަށް ވިޔަސް ނަޝީދުގެ ވާހަކަފުޅު ހުރީ އެއާއި ދެކޮޅަށެވެ. ދެއްވެވީ މަޖިލީހުން އެފް.ޓީ.އޭ އުވާލަފާނެ ކަމުގެ ސިގްނަލް ތަކެވެެ. މިދަނޑިވަޅުގައި ގައުމާއި ރައްޔިތުންނަށް ލިބެން ހުރި މަންފާތަކަކަށް އޮތް ހުރަހަކަށް ނަޝީދު ވެވަޑައިގަންނަވަނީ ކީއްވެތޯއެވެ. ނުވަތަ އެފަދަ ހުރަހަކަ ވެވަޑައިގަންނަވަން އެމަނިކުފާނަށް މަޖްބޫރުވަނީ ކީއްވެތޯއެވެ.

އެހިނދުން ފެށިގެން މިއަދާއި ހަމަޔަށް މަޖިލިސް ރައިސް ނަޝީދުގެ އަމަލުފުޅުތައް ހުރީ އެގޮތަށެވެ. ކަމުގެ ހަގީގަތް އޮޅުއްވަމުން ބަޔަކަ ސަނާ ކިޔަނީ އެކަމުން އާއްމު ރައްޔިތުންގެ ނުރުުހުމާއި ކުރިމަތި ލައްވަވަން ޖެހިވަޑައިގެންނެވި ކަމުގައި ވިޔަސްވެސް މެއެވެ. އަނެއްކޮޅުން ބަހާއި އަމަލުން ޗައިނާ އަށް "ޖެއްސުން" ކުރައްވަވަނީ އެ ގައުމުގެ އެހީތެރިކަމާއި އެކު ދިވެހި ރާއްޖެ އަށާއި ދިވެހިންނަށް ލިބެމުންދާ އަދި ލިބެން އޮތް މަންފާއަށް އެއްވެސްވަރަކަށް ރިއާއަތް ކުރެއްވުމެއް ނެތިއެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތަކުން ޗައިނާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގުޅުމަކަށް ބަދަލެއް ނާންނާނެއެވެ. އެހެނަސް މި ދަނޑިވަޅުގައި، މިފަދަ އަމަލުތަށް އިސްކޮށް، FTA ފަދަ މުއާހަދާތައް ބާތިލް ކުރާނެ ކަމުގެ ސިގްނަލް ދެއްވަވަނީ ކީއްކުރައްވަންތޯ މިއީ ހަމަ ކުރަން ޖެހޭ ސުވާލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރަށް އެތައް ދިމާލަކުން އެކި ކަހަލަ ޕްރެޝާ އަންނާނެއެވެ. ބަހެއް ކަހަލަ އަމަލުތަގުގެ ސަބަބަުން ސަރުކާރާއި ޗައިނާ އާއި ދެމެދު މިހާރުވެސް ކުރިޔަށްދާ ބައެއްކަހަލަ އެހީތެރިކަމުގެ މަޝްވަރާ ތަކަށް ދަތިތަކެއް ކުރިމަތިވުންވެސް އެކަށީގެންވެއެވެ. މާދަމާ ވެސް ރާއްޖޭގެ ބޯޑަރާއި ރިސޯޓުތައް ހުޅުވައިލުމުން މިތަނަށް އެންމެ އަވަހަށް އެންމ ގިނައިން އަންނަން ތިބީ ޗައިނާގެ ފަތުރުވެރިން ކަމަށް ވާއިރު ނަޝީދު ގެ ބަހާއި އަމަލު އެއީ ގައުމުގެ އިގްތިސޯދު މިއޮތް ހާލަތުން ނަގައި ކޮޅަށް ޖަހަން ސަރުކާރުން ކުރަމުން އަންނަ ޕްލޭންތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަންނަން ޗައިނާގެ ފަންނީ އެހީ މުހިއްމެވެ. އިގްތިސޯދީ ގޮތުން މުޅި ގައުމު ކުރިމަތިލާން ޖެހިފައި މިއޮތް ހާލަތުން އަރައިގަންނަންވެސް ޗައިނާގެ އެހީތެރިކަން ވަރަށް މުހިއްމެވެ. މި ނާޒުކު ދަނޑިވަޅުގައި ދެ ގައުމުގެ ގުޅުމާއި، ކުރަން އަދި ކުރެވެން އޮތް ކަންތައްތަކަށް ދަތި ވާ ގޮތަށް، ސަރުކާރާއި، ގައުމާއި އަދި ރައްޔިތުންގެ މަސްލަހަތު ސަފުހާއިން ބޭރުކޮށްލައްވައި، މަޖިލިސް ރައީސް ރައީސް ނަޝީދުގެ ސަފްހާތުގައި އޮތީ ކާކުގެ ކޮން މަސްލަހަތެއް ތޯއެވެ. އެމް.ޑީ.ޕީ ގެ ވެރިޔެއްގެ ހައިސިއްޔަތުން އެޕާރޓީގެ ސަރުކާރުގެ ޕްލޭންތައް އޮތް ހުރަހަކަށް ކުރީގެ ރައީސް ވެގެން ނުވާނެނޫންތޯއެވެ. ތިންބާރު ވަކިވެފައި އޮތް މި ނިޒާމުގައި، ރައްޔިތުން ތަމްސީލުކުރާ ގޭގެ އެންމެ އިސްވެރިޔާއަށް ރައްޔިތުންގެ މަސްލަހަތަށްވުރެ ވަކި އިސް އެހެން އެއްވެސް މަސްލަހަތެއް އޮވެގެން ނުވާނެ ނޫންތޯއެވެ. އެ ވެރިޔާއަށް ވަކި ގައުމެއް ރުއްސުވުން، ޕާޓީގެ މެމްބަރުންނާއި، ސަރުކާރާއި، ރައްޔިތުންގެ ނުރުހުމަށްވުރެ މުހިއްމު ވެއްޖެނަމަ، އެއީ ޕާޓީގެ އަދި ރައްޔިތުންގެ ވެރިޔަަަކަށްވެސް ނުވާނެތާއެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތު އެއީ އަބަދުވެސް އަމިއްލަ މަސްލަހަތަށްވުރެ އިސްކަންދެވޭ އެއްޗަކަށް ވާންވާނެތާއެވެ. ނޫނީ ވަކި ގައުމެއްގެ ރުހުން ލިބުނަސް، ރައްޔިތުންގެ ފަރާތުން ލިބޭނީ ނުރުހުމެވެ.


Advertisement

ކޮމެންޓް