Advertisement

ލޮކްޑައުންގެ ކުރިން ރަށްރަށުން މާލެއަށް އައިސްފައިވާ ފަރާތްތައް އަނބުރާ ފޮނުވާލުމުގެ އުސޫލު އާންމުކޮށްފި

06 May 2020 | 12:31

މާލެ ލޮކްޑައުންއަށް އެކި ބޭނުންތަކުގައި ވަގުތީގޮތުން މާލެއަށް ދަތުރުތަކުގައި އައިސްފައިވާ ފަރާތްތައް އެފަރާތްތަކުގެ ރަށްރަށަށް އަނބުރާ ފޮނުވާލުމުގައި އަމަލުކުރާނެ އުސޫލެއް އާންމުކޮށްފިއެވެ.

މި އުސޫލު އާންމުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ފަރާތުންނެވެ.

އޭގައި ބުނެފައިވާ ގޮތުގައި ރަށްރަށަށް އަނބުރާ ފޮނުވުމުގައި އިސްކަންދޭނީ އެކި ބަލިތަކަށް ފަރުވާކުރުމަށް އާސަންދަ ނުވަތަ އެންސްޕާގެ އެހީގައި މާލެއަށް އައިސްފައިވާ ފަރާތްތަކަށް ކަމަށެވެ. އެއަށްފަހު މީހުންނަށް އިސްކަން ދޭނެ ގޮތަކީ:

- 5 އަހަރުން ދަށުގެ ކުދިންނާއި އެކު ބޭސްފަރުވާއަށް އައިސްފައި ތިބި މީހުންނާއި ވިހެއުމަށް މާލެ އައިސްފައިވާ މީހުންނާއި އެމީހުންގެ އާއިލާ

- ބޭސް ފަރުވާއަށް މާލެ އައިސްފައިވާ 65 އަހަރުން މަތީގެ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން

- ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އެމީހުންގެ އެހީތެރިންނާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން މާލެ އައިސް ރަށަށް ނުދެވި ތިބި މީހުން.

- ބޭސް ފަރުވާއަށް ނުވަތަ އެހެން ބޭނުންތަކަށް މާލެ އައިސްފައި ތިބި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާއި އެމީހުންގެ އެހީތެރިން

- ރަށަށް އެނބުރި ދިއުމަށްޓަކައި 15 އޭޕްރީލް 2020 އާއި 20 އޭޕްރިލް 2020 އާއި ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ ފަރާތްތައް.

- ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 (ސާދަ) ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.

- ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.

- ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތައް.

- އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)

- ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.

- އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.

- ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.

- އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.

- އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް، މިއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ މިކަމުގައި އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް އަނބުރާ ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުގައި ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށެވެ.

މިގޮތަށްދާ ފަރާތްތަކުން 14ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެއެވެ.

Advertisement

ކޮމެންޓް