ސިޕީ ހާމީދުގެ ދިފާއުގައި ރައީސް ނަޝީދު، ފުލުހުންގެ ބަހެއްނެތް!

10 May 2020 | 17:18

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ދިފާއުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފިއެވެ.

ރައީސް ނަޝީދު، ސީޕީ ހަމީދުގެ ދިފާއުގައި ވާހަކަދައްކަވާފައިމިވަނީ ސޯސަލްމީޑިއާގައި ދައުރުވަމުންދާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށް ބޭލެވޭ ބޭފުޅެއް ޕާޓީކުރާ ފޮޓޯތަކެއް އާމުވުމާއިގުޅިގެން އެކަމަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮމްޕްރިމަޒްކޮށް ފުލުހުންގެ މަސައްކަތުގެ މިސްރާބް ބަދަލްކޮށް، ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ ސަރުކާރު ހިސާރުކޮރުކުރަން ޖާގަ އެއް ނުދެވޭނެކަމަށާއި ސީޕީ ހަމީދަކީ އިހްލާސްތެރި ބޭފުޅެއްކަމަށް ވަނީ ވިދާޅުވެފައެވެ.


މި މައްސަލާގައި ފުލުހުންގެ ކޮމެންޓެއް ހޯދުމަށް ތަކުރާރުކޮށް މީޑިއާތަކުން އެދިފައިވީނަމަވެސް، މިހާތަނަށް މިކަމާއި ގުޅިގެންއެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ސީޕީ ހަމީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅުންކަމަށް ބެލެވޭ ބަޔަކުވެސް މި ފޮޓޯތަކުގައިވާކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ. ސީޕީ ހަމީދަކީ ފަސްޓްލޭޑީ ފަޒްނާގެ ކޮއްކޯފުޅުގެ ފިރިކަލުންނެވެ.

މީގެ އިތުރުން މޯލްޑިވެސް ރެޑް ކްރެސަންޓްގެ ރައީސް ކަމަށް ބެލެވޭ މީހަކު ބަނގުރާފުޅިތަކަކާއި އެކު ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ލީކްކޮށްލާފައެވެ.

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް

Advertisement