އިންޑިޔާއިން ދިވެހިރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރަނީ

12 May 2020 | 05:29

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިންޑިޔާގެ ފަރާތުން ދިވެހިރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތީގެ ޝިޕްމެންޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

އެހީގެ މި ޝިޕްމަންޓް ގުޅިފައިވަނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީރު ނަރޭންދްރަ މޯދީއާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ މެދުގައި ފޯނު މެދުވެރިކޮށް ކުރެވުނު މަޝްވަރާއާއިއެވެ.

މި ދެންނެވުނު ކާޑުގެ ޝިޕްމެންޓް ވަރަށް އަވަހަށް އައިއެންއެސް ކޭސަރީގައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭނެއެވެ. މި ޝިޕްމެންޓްގައި އެކުލެވެނީ 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވި، މިއެވެ.

ކާބޯތަކެތީގެ މިއެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެވެ. އެގޮތުން އައިއެންއެސް ކޭސަރީ ފުރަތަމަ ދިވެހިރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެއެވެ.

މިކަމާއި ގުޅިގެން ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ބަރަކާތްތެރި ރަމަޞާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެވެ. އަދި ދެގައުމުގެ މެދުގައި ވާ ގާތް ގުޅުމުގެ އިތުރު ހެއްކެއްކަމަށެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތައް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް ގެނެސްދިނުންފަދަ ކަންތައްތައް ހިމެނެއެވެ.

Advertisement

ކޮމެންޓް